ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ކިރި މަހަށް މަސްވެރިންނަށް 300 މިލިއަނެއްހާ ރުފިޔާ ދޭންޖެހޭ ކަމަށާއި އަންނަ މާޗު 5، ގެ ކުރިން އެ ފައިސާ ދޫކޮށް ނިންމާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު އިއްޔެއާ ހަމައަށް 298 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި އަންނަ މާޗު 5، ގެ ކުރިން އެ ފައިސާ ދޫކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިއްޔެ ބަލާލިއިރު 298 މިލިއަން ބެކްލޮގްގެ ގޮތުގަ މީނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މާޗު 5، ގެ ކުރިން އެ ފައިސާ ދައްކާ ނިންމަން،" ޝިޔާމް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން, އަގަށް ގެނައި ބަދަލަށްފަހު، މަސްވެރިން ކިރާ މަހަށް ކޮންމެ ހަފްތާއަކު ފައިސާ ދޫކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެބުރު ދޭތެރެއިން މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން އަނެއްކާ ވެސް މަހުގެ އަގު 20ރ. އަށް ކުޑަކޮށްފަ އެވެ.

މިފްކޯއަށް ކިރި މަހަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން، މިފްކޯގެ ކޫއްޑޫ މަސް ފެކްޓްރީގައި މަސްވެރިން މިހާރު ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާކުރާ މަސްވެރިންގެ ޝަކުވާއަކީ އެ މީހުން ކޫއްޑޫއަށް ކިރި މަހަށް ފައިސާ ނުދޭތާ ތިން މަސްދުވަހަށް ވުރެ ދިގުލައިގެން ދިޔުމެވެ.













