ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރެއްވުމަށް އެ ދާއިރާ މިހާރު ވެސް ތަމްސީލު ކުރައްވާ ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ކެމްޕޭން ފައްޓަވައިފި އެވެ.
"ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވާނޭ މަޖިލީހެއް ކޮންމެހެން ވެސް ބޭނުންތެރި. ރައްޔިތުންގެ ވަކާލާތު އެ މަޖިލީހުގައި ގަދަވާން ޖެހޭ," ކެމްޕޭން އިއުލާނު ކުރައްވަމުން ހަސަން ވިދާޅުވެފައިވެ އެވެ.
ނަވާރަވަނަ މަޖިލީހުގައި އެ ގޮނޑިއަށް ހަސަން އިންތިހާބުވީ 2019 ގައި އޮތް އިންތިހާބުގައި އޭރު ވެރިކަމުގައި އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކޮށްގެންނެވެ. އޭނާ ގޮނޑި ކާމިޔާބުކުރީ 1089 ވޯޓާ އެކު އެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެ ޕާޓީން ވަކިވި 13 މެމްބަރުން ދަ ޑިމޮކްރެޓްސް އުފެއްދީ މިދިޔަ އަހަރުގެ މެދުތެރެ އެވެ. އެ ޕާޓީގެ ރައީސްގެ މަގާމަށް ހަސަން އިންތިހާބުވީ އެތެރޭގެ އިންތިހާބުގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއާ ވާދަކޮށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި ހަސަން ލަތީފަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.














