ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން ގޯސްވީ މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހުތުރު ބަހުން ދެއްވި ދަށް ފެންވަރުގެ ރައްދުތަކާ ހެދި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ފެށި "އިންޑިއާ އައުޓް" ކެމްޕޭނުގެ މޭސްތިރިކަންވެސް ކުރެއްވި، ޔާމީނު އިޝާރާތް ކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް, އެކްސްގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ކުރެއްވި ޕޯސްޓުތަކަށެވެ. އެ މައްސަލައާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ހާރިޖީ ބޮޑު ކޯޅުމެއް ހިނގައި, އެކަމާ ގުޅިގެން އެ ތިން ނައިބުން އަދިވެސް ތިބީ ސަސްޕެންޝަނުގަ އެވެ.
ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ، އިންޑިއާ އައުޓުގެ ނަމުގައި އެމަނިކުފާނު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ފެށި ކެމްޕޭނުގެ ތެރެއިން އެ ގައުމާއެކު ޒާތީ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނޯންނާނެ ކަމަށާއި އެ މަގުސަދު ވެސް ނެތް ކަމަށެވެ.
ނަމަވެސް, މިހާރު ދިމާވެގެން މިއުޅެނީ އެހެން ކަމެއް ކަމަށާއި އެއީ ލަކްޝަދީބުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މޯދީ އާއްމުކުރި އިސްތިހާރަށް ތިން ނައިބު ވަޒީރުން ދެއްވި ރައްދުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ޔާމީނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންވެސް ގަބޫލުނުކުރާ މިންވަރަކަށް، އިޖުތިމާއީ މިންގަނޑު ފަހަނައަޅާ ދާ މިންވަރަކަށް އަޅުގަނޑުމެންގެ ތެރެއިން މަސްއޫލު މަގާމުތަކުގަ ތިބި ތިން ބޭފުޅަކު ވަރަށް ހުތުރު ބަހުން ވަރަށް ދަށްފެންވަރުގެ ބަހުން ރައްދުތަކެއް ދެއްވީ، އެއީ އިންޑިއާ ސަރުކާރަށް ބަލައިނުގަނެވުނު ކަމަކީ"

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީނު އިތުރަށް ދެއްކެވި ވާހަތަކުގައި ބޮޑަށް ފާހަގަ ކުރެއްވީ އިންޑިއާ އައުޓަކީ ޒާތީ ކެމްޕޭނެއް ނޫން ކަމަށެވެ. އަދި، އެ ކެމްޕޭނުގެ މަގުސަދަކީ އިންޑިއާ ސިފައިން ބޭލުން ކަމަށް ތަކުރާރުކޮށް ވިދާޅުވެ މިހާރު އިންޑިއާއާ ދެކޮޅަށް ދެކެވޭ ޒާތީ ވާހަކަތަކުން ބަރީއަވުމަށް ޔާމީނު ވަނީ މަސައްކަތް ކުރައްވާފަ އެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު އަދި ޑޯނިއާ މަތިންދާ ބޯޓު ގެންނަން އެއްބަސްވީ ޔާމީނުގެ ވެރިކަމުގަ އެވެ. އަދި، އިންޑިއާއާ ރާއްޖެއާ ދެމެދު 2016 އިން ފެށިގެން ވެފައިވާ ދިފާއީ އެއްބަސްވުންތައް ބިނާކުރީ އެ އަހަރު ޔާމީނު އެ ގައުމަށް ވަޑައިގެން ސޮއިކުރެއްވި ޑިފެންސް އެކްޝަން ޕްލޭނުގެ ދަށުންނެވެ.
މޯދީއަށް އަމާޒުކޮށް ތިން ނައިބު ވަޒީރުން ދިން ރައްދުގެ މައްސަލަ ހޫނުވެ މި ހިނގާ ޖެނުއަރީ 8، ގައި އިންޑިއާއިން ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ ސަފީރު އިބްރާހީމް ޝަހީބު އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ. އަދި، އެ ދުވަހު 12:00 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވެސް ހާޒިރު ކުރި އެވެ.
ތިން ނައިބު ވަޒީރުންގެ މައްސަލަ އަދިވެސް ދަނީ ބަލަމުން ކަމަށާއި އެ ތިން ފަރާތް ތިބީ މުސާރަ ހިނގާ ގޮތަށް ސަސްޕެންޑުކޮށްފައި ކަމަށް ޖެނުއަރީ 24، 2024 ގައި ސަރުކާރުން ބުނެފައިވެ އެވެ.
މަލްޝާ އަދި ޝިއުނާއަކީ ޔާމީންގެ ބޮޑު ސަޕޯޓަރުންގެ ގޮތުގައި ތިބި ބައެކެވެ. މިދިޔަ ސަރުކާރުގައި ޔާމީނުގެ މައްޗަށް ކުރި ދެ ހުކުމަކީ "ހަރާން" ދެ ހުކުމް ކަމަށް ގޮވާލައި، އިދިކޮޅުން ބޭއްވި ސިލްސިލާ މުޒާހަރާތަކުގެ އެންމެ ކުރިންވެސް ދެ ނައިބުން ފެނުނެވެ. ނަމަވެސް, މި ސަރުކާރު އެކުލަވާލި ހިސާބުން ފެށިގެން ޔާމީނު މިނިވަން ކުރުމަށް ގޮވާލަމުން އައި އައުން އެ ދެ ނައިބުން ވަނީ ހުއްޓާލައްވާފަ އެވެ.
އިންޑިއާ އަދި އެ ގައުމުގެ ބޮޑުވަޒީރަށް ފުރައްސާރަ އާއި މަލާމާތް ކުރުމުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ ހެދި ފަތުރުވެރިކަމުގެ އިންޑަސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
"މި ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް, އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް," އިނގިރޭސި ބަހުން ސަރުކާރުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.












