ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމުގައިވާ ހޯއްގޮވާ ކެއްސުމުގެ އިތުރު ދެ ކޭހެއް ގއ. ވިލިނގިލިން ފެނިއްޖެ އެވެ.
ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ހޯއްގޮވާ ކެއްސުން (ޕާޓޫސިސް) ޖެހިފައި ތިބި ތިން ކުޑަކުދިން އެންމެ ފުރަތަމަ ފެނުނީ މިދިޔަ ޖެނުއަރީ 23، ގައި ގއ. ވިލިނގިލިންނެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އޭގެފަހުން ޖެނުއަރީ 27، އަދި ޖެނުއަރީ 31، ގައި އިތުރު ކޭސްތަކެއް ވިލިނގިލިން ފެނިފައިވާ ކަމަށެވެ. އެގޮތުން މިހާރު ހޯއްގޮވާ ކެއްސުމަށް ޖުމުލަ ފަސް މީހަކު ވަނީ ޕޮސިޓިވް ވެފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބައްޔަށް ޕޮސެޓިވްވެފައިވާ މީހުންގެ ދެނެގަނެވިފައިވާ ކޮންޓެކްޓުންގެ އަދަދު 177 އަށް އަރަ އެވެ. އަދި އޭގެ ތެރެއިން 25 ކޮންޓެކްޓެއްގެ ކިބައިން ހޯއްގޮވާ ކެއްސުމުގެ އަލާމާތްތަށް ފެންނަ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެޗްޕީއޭއިން އަންނަނީ ގއ. ވިލިނގިލީގައި ބަލި ފެތުރުން މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ޓާސްކް ފޯހެއް އެކުލަވާލައި، ބަލި ފެތުރުން ކުޑަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕާޓޫސިސް އަދި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- މާސްކް އަޅައިގެން އުޅުން، ހާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން އަދި އަލާމާތެއް ހުރިނަމަ ސްކޫލަށް/އޮފީހަށް/މީހުން ގިނަ ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުން.
- އިންފްލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުން.
- ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕާޓޫސިސްގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުން.
- އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުން ކުރުން.
ހޯއްގޮވާ ކެއްސުމަކީ ޖަރާސީމެއްގެ ޒަރިއްޔާއިން ނޭވާލާ ނިޒާމަށް ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސް ރޯގާ އަދި އާދައިގެ ރޯގާ ފަދަ ބަލިތަކާއި އެއްގޮތް ސިފަތަކެއް ފެންނަ ބައްޔަކަށްވުމުން ބައެއް ފަހަރު ހޯއްގޮވާ ކެއްސުން ދެނެގަންނަން އުދަގޫވެ އެވެ.
މި ބަލިޖެހުމުން ކެއްސުމަށްފަހު އެތެރެއަށް ނޭވާލާއިރު ހޯއް އަޑުގޮވުން ކުރިމަތިވާއިރު، އާންމު ގޮތެއްގައި ބަލި ބޮޑުވަނީ ކުޑަކުދިންނަށެވެ. ނަމަވެސް ބޮޑެތި މީހުންނަށް ވެސް ހޯއްގޮވާ ކެއްސުންޖެހި، އަލާމާތްތައް ފެނުން އެކަށީގެންވެ އެވެ.













