މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމެރީގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުގެ އިންތިހާބުގައި ބައެއް ފޮށިތަކަށް ވޯޓުލުމުގެ ތެރޭގައި، އަދި ގުނުމުގެ ތެރޭގައި ބައެއް މައްސަލަތައް ދިމާވި ނަމަވެސް، ހުރިހާ ދާއިރާއެއްގެ ނަތީޖާ ވަނީ ހާމަކޮށްފަ އެވެ. ހޮނިހިރު ދުވަހު އެ ކޯލިޝަނުން ބޭއްވި އެ އިންތިހާބުގައި ޖުމްލަ 72 ދާއިރާއަކަށް ކެންޑިޑޭޓުން ހޮވުމަށް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.
އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ 71،597 މީހުންގެ ތެރެއިން 62،759 މީހުން ނިކުމެ ވޯޓުލި އެވެ.
ޕްރައިމެރީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ކައިރިވެފައި ވަނިކޮށް، ޕްރައިމެރީގައި ވާދަކުރަން ކެމްޕޭނުކުރި ބައެއް ކެންޑިޑޭޓުން ޑިސްކޮލިފައި ކުރި އެވެ. ވާދަ ނުކުރެވޭނެކަމަށް ބުނެ ބައެއް ކެންޑިޑޭޓުންނަށް ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި ސިޓީ ފޮނުވީ، ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާތީ އަދި، ފިތުނަ އުފެއްދުމަށް މަސައްކަތް ކޮށްފައިވާތީ އިންތިހާބު ގަވައިދު ތަން ނުދޭކަމަށް ބުނެ އެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ އޮފީހުގެ ތެރޭގައި ހޫނު ޒުވާބުތަކެއް ވެސް ހިނގި އެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި މެދު ހެންވޭރު ވޯޓުފޮށި ކައިރީގައި ހަމަނުޖެހުމެއް ހިނގައި، ވޯޓު ފޮށި އެއްލާލި އެވެ. އަދި ވޯޓު ގުނުން ކުރިއަށް ގެންދިޔަ ވަގުތު ހަމަނުޖެހުންތަކެއް ހިނގައި، ވޯޓު ކަރުދާސްތައް ވީދާލި އެވެ.
ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓު ކަށަވަރުވެފައިވާ މީހުންގެ ތެރޭގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲއާއި އޭދަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު، އަހުމަދު ތާރިގު ހިމެނިވަޑައިގަންނަވަ އެވެ.












