އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމެރީ އިންތިހާބުގައި ކާމިޔާބުވި ހަމައެކަނި އަންހެން ކެންޑިޑޭޓަކަށް މާފަންނު މެދު ދާއިރާއިން ވާދަކުރި އަސްމާ ރަޝީދު (އަސްމާއްތަ) ވެއްޖެ އެވެ.
މާފަންނު މެދު ދާއިރާގެ ޓިކެޓު އަސްމާ ޔަގީންކުރި އިރު، އޭނާއަކީ 18 ވަނަ މަޖިލީހުގައި ވެސް މާފަންނު މެދު ދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ.
އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީ އެތެރޭގެ އިންތިހާބުގައި 73 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރި އިރު، 32 ކެންޑިޑޭޓުންނަކީ އަންހެނުންނެވެ.
ޕްރައިމެރީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓަށް، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި، މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް އަދި ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒް އާދަމް އާއި ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކޮއްކޮ ނޫރުބާން ފަހުމީ ވާދަކުރެއްވި އެވެ.
އިންތިހާބަކާ ނުލައި 13 ބޭފުޅަކަށް އެ ކޯލިޝަނުން ޓިކެޓު ދޭން ނިންމި އިރު އޭގެ ތެރޭގައި ވެސް ހިމެނެނީ އެންމެ އަންހެން ކެންޑިޑޭޓެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އެވެ. ސައުދާ ވާދަކުރައްވަނީ ނިލަންދޫ ދާއިރާއަށެވެ.

މާޗް 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރާނީ އެންމެ ދެ އަންހެން ކެންޑިޑޭޓުންނެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގެ ޕްރައިމެރީއިން އަންހެން ކެންޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު އިރު، އިސް މަގާމުތަކާއި، ސިޔާސީ މަސައްކަތަށް އަންހެނުން ނެރެ ބާރުވެރިކުރުވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
އިއްޔެގެ ޕްރައިމެރީގައި ގިނަ އަންހެން ކެންޑިޑޭޓުންނަށް ނާކާމިޔާބުވީނަމަވެސް، ކެމްޕޭން ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅަލެވެ.













