އިއްޔެ ކުރިއަށްގެންދިޔަ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި މައްސަލަ ބޮޑުވެ، މެދު ހެންވޭރު ދާއިރާގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސްތަކެއް ބަޔަކު ވީދާލި މެދުހެންވޭރު ދާއިރާގެ ޓިކެޓު ހަސަން ރަމީޒް (ޓިމޯ) ކާމިޔާބުކުރައްވައިފި އެވެ.
އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރީ ހަސަން ރަމީޒް (ޓިމޯ) އާއި ހުސެއިން ނާސިހެވެ. އޭގެ އިތުރުން ހަސަން ޝިޔާމް (ވީބީ ޝިޔާމް) ވެސް ކުރިން ވާދަ ކުރަން ނިންމި އެވެ. ނަމަވެސް އޭނާ ފަހުން ނަން ނެގީ އެވެ.
ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން މަންޒަރު ދުށް ބައެއް މީހުން މި ނޫހާ ވާހަކަ ދައްކަމުން ބުނީ ވޯޓު ކަރުދާސްތައް އުކާލައި، ވަރަށް ގިނަ ކަރުދާސްތައް ވީދާލީ ކަލާފާނު ސްކޫލުގައި ހަރަކާތްތެރިވި ގޭންގަކުން ކަމަށެވެ. ވޯޓު ކަރުދާސްތައް ވީދާލިއިރު، ހުރީ ވޯޓުތައް ވަކިކޮށް، ބަންޑެލި ޖަހާފައި ކަމަށް އޭނާ ބުންޏެވެ.
"ބަންޑެލި ޖެހީމާ އެނގޭނެތާ ވޯޓު ގިނައީ ކޮން ކެންޑިޑޭޓަކަށްކަން. ދެން އެ ހިސާބުން އައިސް ހައިޖާނު ހަދާލާފައި ވޯޓުތައް އުކާލީ،" ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.
ވޯޓު ކަރުދާސްތައް ވީދާލުމުގައި އިސްކޮށް އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާ ގެންދާ މަންޒަރުގެ ވީޑިއޯއެއް މި ނޫހަށް ވަނީ ލިބިފަ އެވެ. ވޯޓު ކަރުދާސްތައް ބިންމަތީގައި ހުރި ތަން މި ނޫހަށް ލިބިފައި ހުރި ބައެއް އެހެން ވީޑިއޯތަކުން ފެނުނެވެ.

ހަމަނުޖެހުމަށްފަހު ފުލުހުން އެ ސަރަހައްދަށް ގޮސް ވޯޓުލާ މަރުކަޒު ބަންދުކޮށް ވޯޓު ގުނަން ފަށާފައިވާ ކަމަށާއި ވޯޓު ގުނީ ފުލުހުން ސެކިއުރިޓީ ދީގެން ހަމައެކަނި ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ކަމަށެވެ.
އިއްޔެ ކުރިއަށްދިޔަ އިންތިހާބުގައި ޖުމްލަ 227 ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށްދާއިރު، 283 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.
ޓިމޯ އަކީ އޭނާ ވާދަކުރާ ސަރަހައްދު ކަމަށްވާ ހެންވޭރަށް ނިސްބަތްވާ ނިއު ރޭޑިއަންޓުން ވިދާލި މޮޅު ގޯލްކީޕަރެކެވެ. ފަހުން ވެލެންސިއާއާ އެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ގައުމީ ޓީމުގައި ވެސް ހިމެނުނެވެ. އެގޮތުން 2009 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕުގައި ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި އެވެ.













