މިއަދު ކުރިއަށްދާ ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގައި ވޯޓުލާން ބެހެއްޓި ގިނަ ފޮށިތައް ބަންދުކޮށްފި އެވެ.
މިވަގުތު ބަންދުނުކޮށް ހުރީ ވޯޓުލުން ލަހުން ފެށި ފޮށިތައް އެކަންޏެވެ. މިއަދުގެ އިންތިހާބުގެ ވޯޓުލާން ފެށީ ހެނދުނު 10:00 ޖެހިއިރެވެ. ވޯޓުލުން ނިންމަން އޮތް ރަސްމީ ގަޑިއަކީ ހަވީރު 5:00 ޖަހާއިރެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގައި ޖުމްލަ 227 ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށްދާއިރު، 283 ކެންޑިޑޭޓުން ވާދަކުރެ އެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގެ ވޯޓާސް ލިސްޓުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ބައެއް މަރުކަޒުތަކުގައި ވަނީ މައްސަލަ ޖެހިފަ އެވެ. އެގޮތުން މަސްލަހަތު ގެއްލި، ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮއްޓެއް ބަޔަކު ވަނީ އެއްލާލައިފަ އެވެ.
ޕްރައިމަރީގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދަފުތަރުގައި ރެއާ ހަމައަށް ވެސް އޮތް ބައެއް މީހުންގެ ނަންތައް ޕާޓީ އަދި ވޯޓާސް ލިސްޓުގައި ވެސް މިއަދު ނެތް އިރު، ދުވަހަކު ވެސް ޕާޓީއަށް ސޮއި ނުކުރާ އަދި އެ ޕާޓީގެ ދަފުތަރުގައި ވެސް ނެތް ބައެއް މީހުންގެ ނަން ވޯޓާސް ލިސްޓުގައި އޮތް ކަމަށް ބައެއް މީހުން މިއަދު ތުހުމަތުކުރި އެވެ.

މާލެ ސަރަހައްދުގައި މި އިންތިހާބުގެ ވޯޓުލުުން ކުރިއަށް ގެންދާނީ ހަތް ސަރަހައްދެއްގަ އެވެ. އެއީ ހެންވޭރު ދަނޑު، ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް، ރެހެންދި ސްކޫލް އެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ މީހުން ވޯޓުލާނީ ހެންވޭރު ދަނޑުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.
ޖުމްލަ 73 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން މި އިންތިހާބުގައި ހޮވާއިރު، ވޯޓުލުމުގެ ހައްގު ލިބޭ 71،597 މީހުން ތިބިކަމަަށް ޕީޕީއެމުން ވަނީ ހާމަކޮށްފަ އެވެ.
ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.













