މި މަހުގެ މިހާތަނަށް އައި އިރު 19 މީހަކަށް އިންފްލުއެންޒަ ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިމަހުގެ މިހާތަނަށް އައި އިރު, އިންފްލުއެންޒާއަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ ފާއިތުވި ދެ މަސް ތެރޭގައި ޖުމްލަ އެ ބައްޔަށް ޕޮޒިޓިވްވި މީހުންނަށްވުރެ އިތުރު އަދަދެއް ކަމަށެވެ. އިންފްލުއެންޒާއަކީ އާންމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެކެވެ.
ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުން ދާއިރު, ތިން މީހަކަށް މި ވަގުތު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އަދި މިދިޔަ މަހެއްހާ ދުވަސްތެރޭގައި އެ ބަލީގައި މީހަކު މަރުވެފައި ވެސް ވެ އެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މި ދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާ ފެތުރޭ މިންވަރު އިތުރުވީ ސަރަހައްދީ ގައުމުތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި ސްކޫލް ބަންދާ ދިމާކޮށް ދަތުރުފަތުރު ކުރުން އިތުރުވާމާ ގުޅިގެންނެވެ.
އެޗްޕީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަތަރު މަހާއި ބައިގެ ތެރޭގައި ރާއްޖޭގައި 154 އިންފްލުއެންޒާގެ ކޭސް ފެނިފައިވެ އެވެ. އަދި ރާއްޖެއިން އެންމެ ގިނައިން ފެނިފައިވާ އިންފްލުއެންޒާގެ ވައްތަރަކީ އިންފްލުއެންޒާ އޭގެ H1N1 އެވެ.

އިންފްލުއެންޒާ އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުމެވެ. އެޗްޕީއޭއިން ބުނާ ގޮތުގައި ހާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދެ އެވެ.












