ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައި ސިއްހަތަށް ގެއްލުންވާ މިންވަރަށް ނުސާފުވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ހިސާބުތަކުގެ ވައި ނުސާފުވެފައި ވާކަމަށެވެ. ސާފު ދުވަސްތަކުގައި 10 ކިލޯމީޓަރަށް ދުރު ފެނުނު ނަމަވެސް އިއްޔެ ބުނެފައި ވަނީ ދުރު ފެންނަ މިންވަރު ފަސް ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށެވެ.
ވައި ނުސާފުވާ މިންވަރު ބަލާލެވޭ "އައިކިޔު އެއާ ވިޝުއަލް އެޕް" އިން ދައްކާ ގޮތުން ރާއްޖޭގެ ވައިސާފް މިންވަރު ހުރީ 165 ގަ އެވެ. މިއީ ވައި ނުސާފުވުމުގެ ސަބަބުން އެންމެންގެ ހިތަށާއި ފުއްޕާމެއަށް އަސަރުކޮށްފާނެ މިންވަރެކެވެ. އަދި ފުއްޕާމެއާއި ހިތުގެ ބަލި މީހުންނަށް ނުރައްކާތެރި މިންވަރެކެވެ.
އެ އެޕްލިކޭޝަނުން ދައްކާ ގޮތުގައި މާލެ އަތޮޅާއި ށ. އަތޮޅާއި ލ. އަތޮޅުގައި ވެސް މިއަދު ނުރައްކާތެރި މިންވަރަކަށް ވައި ނުސާފެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން މާޗް މަހާ ހަމައަށް ރާއްޖޭ ސަރަހައްދަށް ވައި ނުސާފުވެއެވެ.

ދުމާއި ހިރަފުހުގެ ސަބަބުން ޖައްވު ތެރެ ނުސާފްވުން މިއީ ކޮންމެ އަހަރަކުހެން ޑިސެމްބަރު އަދި މާޗް މަހާ ދެމެދުގެ ދުވަސްތަކުގައި ދިމާވާ ކަމެކެވެ.
ޖައްވު ނުސާފުކޮށްލާފައިވާ ހިރަފުހުގެ ސަބަބުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން އެކަށީގެންވާ ކަމަށާއި މި ދުވަސްވަރު ވާރޭފެން ނެގުމާއި ބޭނުންކުރުމުގައި ސާފުތާހިރު ކަމަށް އިތުރަށް ސަމާލުކަން ދިނުން މުހިންމުަކަމަށް މީގެ ކުރިން މެޓް އޮފީހުން ބުނެފައި ވެއެވެ.
ވައި ނުސާފުވާ ދުވަސްވަރު ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަތައް ހުންނަ މީހުން ބޭރަށް ނިކުމެ އުޅުމުގައި ސަމާލުވުން މުހިންމެވެ.












