އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރަނގަޅުވުމުގެ އުއްމީދު ކުރާ ކަމަށް ބުނެ އެންމެ ފަހުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބަޔާން ނެރެފި އެވެ.
އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ކުރި ޕޯސްޓަކަށް، ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ރައްދު ދިނުމުން ހޫނުވި މައްސަލައާހެދި އިންޑިއާގެ ރައްޔިތުން ދަނީ ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.
ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ޕޯސްޓުތަކާ ގުޅިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީން ވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް މަލާމާތްކޮށްފަ އެވެ. އެ މައްސަލާގައި އެ ތިން މީހުން މިހާރު ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ.
މި މައްސަލަ އިއްޔެއިއްސުރެ ހޫނުވެފައި ވާއިރު, މިއަދު މެންދުރުފަހު މަޓީން ނެރުނު ބަޔާނުގައި ވަނީ ޑެޕިއުޓީ މިނިސްޓަރުންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
މަޓީން ނެރުނު ބަޔާނުގައި ބުނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އަންނަން އޮތް ޖީލުތަކަށް ވެސް ދެމިއޮތުމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެ ފަދަ އަމަލުތަކާއި ވާހަކަތަކުން ދުރުހެލިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

އިންޑިއާއަކީ ރާއްޖެއާ އެންމެ އެކުވެރި, ކާރިސާތަކުގައި އެންމެ އަވަހަށް އިޖާބަދޭ ގައުމުކަން ފާހަގަކޮށް މަޓީން ބުނީ އިންޑިއާއަކީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިވަމުން އަންނަ ގައުމެއް ކަމަށެވެ.
އަދި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމާއެކު، އެ ބަލިން އަރައިގަތުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިންކަން މަޓީން ފާހަގަކުރި އެވެ. އެ އެސޯސިއޭޝަނުން ބުނީ ކޮވިޑަށްފަހު އިންޑިއާ ދެމިއޮތީ ރާއްޖޭގެ އެންމެ ބޮޑު އެއް މާކެޓުގެ ގޮތުގައި ކަމަށެވެ.












