ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީވާ މަޝްރޫއުތަކަށް ބިޑުނުކޮށް އަމިއްލަ ފަރާތްތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލު އުވާލީ އެ ކަންކަން މާލިއްޔަތު ގަވާއިދުގެ ތެރޭގައި ހިމަނަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި އެކުލަވާލި މި އުސޫލު އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަން ރައީސް އޮފީހުން އިއުލާނުކުރީ މިދިޔަ މަހުގެ ހަތެއްގަ އެވެ. ނަމަވެސް އެ އުސޫލުގައި ހިމެނޭ ކަންކަން މާލިއްޔަތު ގަވާއިދުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނާ އެ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.
މި ނިންމުމާ ގުޅިގެން "އަދަދު"އިން ސުވާލުކުރުމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ހުސެއިން ޝާމް އާދަމް ވިދާޅުވީ، މިދިޔަ އަހަރު ސެޓްމެބަރުގައި އާ މާލިއްޔަތު ގަވާއިދު އެކުލަވާލިއިރު އެ ގަވާއިދާ ހިލާފަށް އެއްވެސް އުސޫލެއް ހެދިގެން ނުވަތަ ހެދިފައި އޮވެގެން ނުވާނެ ކަމަށް ބަޔާންކުރާ ކަމަށެވެ.
ޝާމް ވިދާޅުވީ އުވާލެވުނު އުސޫލުގައި މައްސަލަތަކެއް ހުރިކަން ދެނެގަނެވުނު ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަލަތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ މާލިއްޔަތު ގަވާއިދުގައި އެ އުސޫލު ހިމެނީ ބަންޑާރަނައިބުގެ ލަފާގެ މަތިން ކަމަށެވެ.
"އުސޫލަކީ ގަވާއިދުގެ ދަށުން ހެދޭ އެއްޗެއް ދެއްތޯ، އެޓާނީ ޖެނެރަލްގެ ވެސް ލަފަޔަކީ އުސޫލަކަށް ވުރެ ގަވާއިދުގަ ހިމަނައިގެން އެކަންތައް ކުރިއަށް ގެންދަން، ގަވާއިދުގަ ހިމަނައިގެން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގަ،” ޝާމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށާއި ގަވާއިދުގެ ތެރެއަށް ކުރީގެ އުސޫލުގައި ހިމެނޭ ކަންކަން އިތުރުކުރީ ކުރިއަށް ވުރެ ފުރިހަމަ ކޮށްފައި ކަމަށެވެ. އަދި، މާލިއްޔަތު ގަވާއިދަކީ ފަސޭހައިން ބަދަލު ނުކުރެވޭނެ އެއްޗެއް ކަމަށާއި އުސޫލަކަށް ވުރެ ގާނޫނީ ބުރަދަން ހުރި އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު އޮތް ގޮތުން އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓު މޯލްޑިވްސް ކުންފުންޏަށެވެ.
އެގޮތުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުން ތިން މަރުހަލާއެއްގައި ކުރިއަށްދާނެ ކަމަށާއި އަދި ތިންވަނަ މަރުހަލާގައި އިންވެސްޓުމެންޓު ނުވަތަ މަސައްކަތް ކުރިއަށްގެންދާ ކުންފުނި ރަޖިސްޓްރީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް އިސްލާހުގައި ވެ އެވެ.












