ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އައިޝަތް ޖެނިފާ އެ މަގާމުން ވަކިކޮށްފި އެވެ.
އެ މަގާމުން ވަކިކޮށް ކުންފުނިން ވެސް ކަނޑާލިކަން ޖެނިފާ ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ. އޭނާ ވިދާޅުވީ އެ ކުންފުނިން އޭނާ މިއަދު ވަކިކުރީ 25 އަހަރު ހިދުމަތް ކުރި ފަހުން ކަމަށެވެ.
ވަޒީފާއިން ވަކިކޮށްފައި ވަނީ ވަކި ސަބަބެއް ބަޔާންނުކޮށް ކަމަށާއި އޭނާ ވަކިކުރީ އެފަދަ ކަންކަން ކުރުމަށް ކުންފުނީގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ވެސް ޖެނިފާ ވިދާޅުވި އެވެ.
ޑިސެމްބަރު 27، 2018 ގައި އައިލެންޑު އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ކުންފުނީގެ ބޯޑުންނެވެ.
ޖެނިފާ ކުރިން ހުންނެވީ 'މޯލްޑިވިއަންގެ' ކާގޯގެ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑުގެ މަގާމުގަ އެވެ. ޖެނިފާ އެ މަގާމުގައި ހުއްޓާ 2016 ގައި އޭނާ ވަޒީފާއިން ވަކިކުރި އެވެ. އެކަމަކު އެ މައްސަލަ ބެލުމަށް ފަހު، ޖެނިފާ އަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކުރި އެވެ.













