ބިޑު ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތަށް ކުރީ ސަރުކާރުން އެކުލަވައިލި އުސޫލު ނުވަތަ އަންސޮލިސިޓަޑް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު އުވައިލިތާ ގިނަ ދުވަހެއް ނުވެ، މާލިއްޔަތު ގަވާއިދަށް އިސްލާހެއް ގެނެސް އެ އުސޫލު މި ސަރުކާރުން އަލުން ތައާރަފުކުރި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.
ބިޑު ދައުވަތެއް ނެތި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެކުލަވާލި އުސޫލެކެވެ. މިއީ މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވާލި ގަވާއިދެކެވެ. އެގޮތުން ދެ ދާއިރާއަކުން ޕްރޮޕޯސަލް ހުށަހަޅަން އެ އުސޫލުން ޖާގަ ދީފައި އޮތެވެ.
އެ ދާއިރާތައް
- ސަރުކާރުން ކަނޑައަޅާފައިވާ ވަކި މަޝްރޫއަކަށް ނުފެތޭ، ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަދަ މަޝްރޫއުތަކާ ގުޅޭ ޕްރޮޕޯސަލް
- ސަރުކާރުގެ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް އީޖާދީ ގޮތެއްގައި (އިނޮވެޓިވް ގޮތެއްގައި) އަދި ފުދުންތެރި ގޮތެއްގައި ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯޒަލް
މި ޑިސެމްބަރު 6 ގައި އެ އުސޫލު އުވާލައި، އެއީ މުހިއްމު ބަދަލެއްގެ ގޮތުގައި މި ސަރުކާރުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް 22 ދުވަސް ފަހުން، މި މަހުގެ 28 ވަނަ ދުވަހު، މާލިއްޔަތު ގަވާއިދަށް އިސްލާހެއް ގެނެސް، ބިޑު ކުރުމެއް ނެތި ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތް ވަނީ ހަދައިފަ އެވެ.
މާލިއްޔަތު ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޕްރޮޕޯސަލް ހުށަހެޅޭނީ ކޮންސަލްޓެން ހިދުމަތް ހޯދުމަށާއި އެ ޕްރޮޖެކްޓެއްގެ ބާވަތަށް ބަަލައި އެކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާ އާއި ގާބިލުކަންހުރި މިންވަރު ބަލައި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މާލިއްޔަތު ގަވާއިދުގެ އެ މާއްދާ އިސްލާހުކޮށް ފިނޭންސް މިނިސްޓްރީން ވަނީ މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ.

މާލިއްޔަތު ގަވާއިދަށް ގެނައި ސަރުކާރުން އިއުލާނުކޮށްފައި ނެތް މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.
އެފަދަ ޕްރޮޕޯސަލްތައް ހުށަހަޅާނެ ގޮތްތަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ޑައިރެކްޓު އުސޫލުން އަދި ޕްރައިވެޓް ސެކްޓަރު އިނިޝިއޭޓިވްގެ ދަށުން މަސައްކަތް ހަވާލު ކުރެވޭނީ މަސައްކަތުގެ ބާވަތާއި އަގު، އަދި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭހެން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ އެ މަސައްކަތެއް އެވޯޑުކުރަން ނިންމި ސަބަބު މާލީ ވަޒީރާ ހިއްސާކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓަރު ލަފަޔާ އެކު ހުއްދަ ހޯދައިގެންނެވެ.
އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލް ކުރިއަށް ގެންދިޔުމަށް ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީ އަކުން ނިންމިދާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލަކީ ސަރުކާރުގެ ވަކި މަޝްރޫއުއަކަށް ނުފެތުނު ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލްވެވޭނެ މަޝްރޫއުއަކާ ގުޅޭ ޕްރޮޕޯސަލް އަކަށް ވާން ޖެހޭނެ ކަމަށާއި ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޮޕްމެންޓު ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އީޖާދީ އަދި ފުދުންތެރި ގޮތުގައި ހާސިލްކުރުުމަށް މަގުފަހިވާ ނަމަ ޕްރޮޕޯސަލް ހުށަހެޅިދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިސްލާހުގައި ބުނެފައިވާ ގޮތުން ސަރުކާރުން ކުރިއަށް ގެންދަން އިއުލާނު ކޮށްފައިވާ ނުވަތަ ރާވާފައިވާ މަޝްރޫއުއެއް ނަމަ، އެފަދަ ޕްރޮޕޯސަލްއެއް ހުށައެއް ނޭޅޭނެ އެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ މަޝްރޫއުއަކީ ސަރުކާރުން އެފަދަ މަޝްރޫއެއްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މަސައްކަތް ފަށާފައިވާ މަޝްރޫއުއަކަށް ވެސް ވެގެން ނުވާނެކަމަށް ވަނީ ބުނެފަ އެވެ.
އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓު މޯލްޑިވްސް ކުންފުންޏަށެވެ.
އެގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުން ތިން މަރުހަލާއެއްގައި ކުރިއަށްދާނެ ކަމަށާއި އަދި ތިންވަނަ މަރުހަލާގައި އިންވެސްޓުމެންޓު ނުވަތަ މަސައްކަތް ކުރިއަށްގެންދާ ކުންފުނި ރަޖިސްޓްރީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
ބިޑަކާ ނުލާ ނުވަތަ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތައް ކުރިއަށްް ގެންދިޔުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތް ހަމަޖައްސާފައިވާއިރު ބިޑުގެ ދައުވަތަކާ ނުލާ ޕްރޮޕޯސަލް ހުށަހެޅުމަށް މީގެ ކުރިން އެކުލަވާލާފައިވާ އުސޫލު ވަނީ އުވާލައިފަ އެވެ.












