ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ. އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން ހުށަހަޅާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު މިންވަރު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކޮށްދިނުމަށް އެދި ޑިސެމްބަރު 18, ގައި ފޮނުއްވި ސިޓީ މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފަ އެވެ. އަދި, މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފަ އެވެ.
މެންޑޭޓުތައް ދިރާސާ ކުރުމަށް ފަހު ކޮމިޓީން ރިޕޯޓު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި, މެންޑޭޓުތައް ބަދަލުވާނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.
ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބަންޑާރަ ނައިބުގެ އޮފީހާއެކު ޖުމުލަ 22 މިނިސްޓްރީއެއް ހިމެނެ އެވެ.
މިނިސްޓްރީތައް އެކުލަވާލައި މަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމަށް ފަހު، ގެންނަ ކޮންމެ ބަދަލެއް ވެސް މަޖިލީހުން ފާސްކުރަންޖެހެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވެސް މަޑުޖެހުނީ މެންޑޭޓުތައް ފާސްކޮށްފައި ނެތުމުންނެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރަ މިންވަރު ބަލާ ކޮމިޓީން އެކުލަވައިލި ރިޕޯޓް އޮތީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ވ، ރ، ކ އަދި އ ގައި ބަޔާންކޮށްފައި އޮތް ހަމަތަކާއި ހިލާފަށް ކަމަށް ޑިސެމްބަރު 18, ގައި ބޭއްވި ޖަލްސާގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ނިޒާމީ ނުކުތާއެއް ނަންގަވައި ފާހަގަކުރެއްވި އެވެ.
އެއީ ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ބަލައިގަނެ، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ އެކަމާ ބެހޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ( އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު) މުހައްމަދު ރަޝީދާއި މައިނޯރިޓީ ލީޑަރު ( ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު) އަލީ އާޒިމް އާ އެކަމުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލެއްވީ އެވެ.
ކޮމިޓީއަށް މިި މައްސަލަ ފޮނުވިއިރު މިއީ މިއަހަރު އޮންނާނެ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އެވެ. އެހެންކަމުން މެންޑޭޓުތައް ފާސްކޮށް ވަޒީރުންނަށް ރުހުން ދެވޭނީ އަންނަ އަހަރު މަޖިލިސް ހުޅުވުމުންނެވެ.












