އިއްބެ، 492 ދުވަހަށް ފަހު ރަސްމީ ކްލަބް މެޗަކަށް ނުކުމެ ތަފާތު ދައްކައިފި

Dec 26, 2023, 1:59 PM
އިއްބެ، މިއަދުގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްބެ، މިއަދުގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މަސްއޮޑި ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، 492 ދުވަހަށް ފަހު ރަސްމީކޮށް ކްލަބް ފުޓްބޯޅަ މެޗަކަށް ނުކުމެ، މުހިންމު ގޯލެއް ޖަހައި، އެ ޓީމު، 4-0 އިން މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން މޮޅުކޮށްދިނުމުގައި އިސް ރޯލެއް އަދާކޮށްފި އެވެ.

މިއީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ، 22 ވަނަ ދުވަހު، މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް ވެލެންސިއާ ބައްދަލުކުރި މެޗަށް ފަހު، އިއްބެ ރަސްމީ ޑިވިޝަނެއްގެ ކްލަބް މެޗެއްގައި ފެނުނު ފުރަތަމަ ފަހަރެެވެ. އިއްބެ، އެ މެޗުގައި މާޒިޔާ އަށް ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ.

Advertisement

މި ސީޒަނުގައި، ލޯން އެއްބަސްވުމެއްގެ ދަށުން، އިއްބެ އެންމެ ފުރަތަމަ ގުޅުނީ ވެލެންސިއާއާ އެވެ. އެ ޓީމާ އެކު، ޕްރީ ސީޒަން ޕްރެކްޓިހަށް ނުކުމެ، ސީޒަން ތެރޭގައި ވެސް މަސައްކަތް ކުރި އެވެ.

އެކަމަކު، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ވެލެންސިއާ އަށް ފީފާ އިން ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމަށް އިއްބެ އާއި އެ ނޫން ދިވެހި ކުޅުންތެރިއަކު ވެސް ރަޖިސްޓްރީ ނުކުރެވުނެވެ. ދެ ޓްރާންސްފާ ޕީރިއަޑް ދިޔައިރު ވެސް އިއްބެ އަށް ވެލެންސިއާ ޓީމަށް ކުޅެވޭ ގޮތެއްނުވި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ބޫޓާން ބަލިކުރި މެޗުގެ ތެރެއިން އިއްބެ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެކަމަކު، އިއްބެ ވަނީ ޖޫން/ޖުލައި މަހު، އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ. ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ވެސް އިއްބެ ވަނީ އެ މުބާރާތުގައި ކުޅެފަ އެވެ.

ކްލަބް ލެވަލްގައި އަހަރަކަށް ވުރެ ގިނަ ދުވަހު ރަސްމީ މެޗެއްގައި އިއްބެ އަށް ނުކުޅެވުނު މައިގަނޑު އެއް ސަބަބަކީ ވެލެންސިއާ އިން އޭނާގެ ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަ ކޮށްދޭނެ ކަމަށް ބުނެ، އެކަން ފުރިހަމަ ކޮށްދެވޭގޮތެއްނުވުމުންނެވެ.

މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފައިވާ އިއްބެ މި ވަނީ، މަސްއޮޑި ސްޕޯޓްސް ކްލަބަށް ބަދަލުވުމަށް ފަހު، މި ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި ވެސް ތަފާތު ދައްކާފައިވާ، އިއްބެ، މިއަދުގެ މެޗުގެ ފުރަތަމަ ގޯލު ޖެހީ، ފުރަތަމަ ހާފުގެ ފަހުކޮޅުގަ އެވެ.

މަސްއޮޑިން ކުރި އެޓޭކެއްގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ އޭރިއާތެރެއިން ލިބުނު ބޯޅައެއް އިއްބެ ވަނީ މަހިބަދޫގެ ގޯލްކީޕަރު، އަހުމަދު ނައުފަލް އަތުގައި ޖައްސާފައި ގޯލަށް ފޮނުވާލައިފަ އެވެ.

މިއަދުގެ މެޗުގައި އިއްބެ، ވަނީ މަސްއޮޑި ޓީމުގެ އެޓޭކުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މަހިބަދޫ ޓީމުގެ ނުހާދު (ކ) ކައިިރިން މަސްއޮޑި ޓީމުގެ ޒިޔާން ބޯޅަ ހިފައިގެންދަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފުރަތަމަ ޑިވިޝަނުގައި ކުޅެފައި ތިބި ގިނަ ކުޅުންތެރިން ހިމެނޭ މަސްއޮޑި ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކޮށްފައިވަނީ އިއްބެއާ އެވެ.

މަސްއޮޑި ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ބަަލާއިރު، މީގެ ދޮޅު އަހަރު ކުރިން ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރި ފުލްބެކް، މުހައްމަދު ރަޝީދު (ހޮކޭ) ހިމެނެ އެވެ. ހޮކޭ އަކީ ފުރަތަމަ ޑިވިޝަން ގިނަ ކްލަބްތަކެއްގެ ކެޕްޓަންކަން ކުރި ކުޅުންތެރިއެކެވެ.

ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި ކުޅޭ މަސްއޮޑިން ފަހު ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.

އެ ގޮތުން، މެޗުގެ 72 ވަނަ މިނިޓްގައި މަސްއޮޑި ޓީމުގެ ދެ ވަނަ ލަނޑު ޖެހީ، ކުރިން ކްލަބް އީގަލްސް އަށް ކުޅުނު އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. އޭގެ ދެ މިނިޓް ފަހުން، ޕެނަލްޓީ އަކުން މަސްއޮޑީގެ ތިން ވަނަ ގޯލު ޖެހީ ބިދޭސީ ކުުޅުންތެރިޔާ، އިސްލާމް ފިކްރީ އެވެ.

މެޗުގެ އިތުރު ވަގުތުގައި، މަސްއޮޑި ޓީމުގެ ފަހު ގޯލު ޖެހީ ހުސެއިން ޝަރީފް އެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު ނައުފަލް އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސަކުންނެވެ.

ގްރޫޕް އޭގައި މަސްއޮޑި އާއި މަހިބަދޫގެ އިތުރުން ދެން އޮތީ ޖޭޖޭ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް އަދި އެލްޓީ ސްޕޯޓްސް ކްލަބް އެވެ. މުބާރާތުގައި މާދަމާ ހަވީރު 3:50 ގައި ފަށާ މެޗުގައި، ބީޖީ ސްޕޯޓްސް ކްލަބް ކުޅޭނީ ޓެންޓް ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox