ސަރުކާރާ ދެކޮޅު ލިޔުންތައް ގެނެސްދޭ ދެ ވެބްސައިޓަކާއި ސަރުކާރަށް ފާޑުކިޔައި ލިޔުމެއް ޝާއިއުކުރި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ "ފުރަތަމަ" އޮންލައިން ނޫސް ބްލޮކް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ނޮވެމްބަރު 2019 އައިން ފެށިގެން ހިންގަމުން އަންނަ ފުރަތަމަ ނޫހުގެ މަސްއޫލުވެރިޔާ "އަދަދު" ނޫހަށް ވިދާޅުވީ އެ ވެބްސައިޓު ކުރި ކަމަށެވެ. ނަމަވެސް ސަރުކާރު ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ އެ ވެބްސައިޓު ބްލޮކް ނުކުރާ ކަމަށެވެ. އަދި ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކުރި ކަމަށް ބުނުމުން ޝަހީބު ވަނީ ނޫސްވެރިންގެ ޖަމިއްޔާއަށް ފާޑު ވެސް ވިދާޅުވެފަ އެވެ.
"ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކުރި ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގު ކުރި ނަމަވެސް މި ޖަމްއިއްޔާއިން ބަޔާން ނެރުމުގެ ކުރިން ވާނީ މި ޖަމްއިއްޔާ އެފްލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓުންގެ އެހީތެރިކަމާ އެކު ލިބެން ހުރި ހެކިތަކުގެ މައްޗަށް ލަފާ ހޯދާފައި. އެ ބޭފުޅުން މި ޖަމްއިއްޔާއަށް މައުލޫމާތު ދެއްވީ ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކޮށްފައި ވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑާ ކަމާއި ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެއީ ސައިޓުގެ ވެރިފަރާތުން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް،" އެމްޖޭއޭއިން ބުންޏެވެ.
ރަޖިސްޓްރީކޮށްގެން ހިންގަމުން ދިޔަ ނޫހަކާއި، ރަޖިސްޓްރީ ނުކޮށް ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާއިއު ކުރާ ދެ ވެބްސައިޓެއް ބްލޮކްކޮށްގެން އުޅޭ މައްސަލައިގައި އެމްޖޭއޭގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. ކައުންސިލުން ބުނީ ރަޖިސްޓްރީ ނުކުރާ ނޫސްތަކަކީ ވެސް މީޑިއާ ކަމަށާއި އެ މީޑިއާތަކާ ދެކޮޅަށް އެއްވެސް ޝަކުވާއެއް ވެސް ލިބިފައިނުވާ ކަމަށެވެ.
"ބްލޮކު ކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މި ކައުންސިލަށް ހުށަހަޅާފައިނުވާއިރު އުސޫލެއް ނެތި ބްލޮކު ކުރުމަކީ ކަންބޮޑުވާ ކަމެއް. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް،" އެ ކައުންސިލުން ބުނެފައިވެ އެވެ.

ބައެއް މީޑިއާތައް ބްލޮކް ކުރުމާ ދެކޮޅަށް އެމްޖޭއޭއިން ބަޔާން ނެރުމުން ޝަހީބުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވެސް ވަނީ ޖަމިއްޔާއަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ "ކޮންމެ ކަމެއްގައި ވެސް އިސް ވާނީ ގައުމު" ކަމަށެވެ.
"ކޮންމެ ކަމެއްގައި ވެސް އިސް ވާނީ ގައުމު، މުހިންމު ވާނީ ގައުމު. ފޭކް ނިއުސް މައްސަލަ ހައްލު ކުރަން މުޅި ދުނިޔެ ދަނީ ބަހުސް ކުރަމުން. ފޭކް ނިއުސް ބްލޮކް ކުރުމަކީ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވުން ކަމަށް ގަބޫލު ކުރާނެ އެއްވެސް ހަމައެއް ނޯންނާނެ،" ހަލީލު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައި އޮންނަނީ "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ" ކަމަށެވެ.
އެއާއެކު އެ އަސާސީގެ 28 ވަނަ މާއްދާގައި ބުނެފައި ވަނީ "ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ" ކަމަށެވެ. އަދި "މީގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭ" ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.
ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން "ނޫސް މަޖައްލާ އާއި މިނޫން ވެސް މިފަދަ ތަކެތި" ހިންގަންވާނީ ރަޖިސްޓްރީކޮށްގެނެވެ. އެހެން ކަމަށްވާ ނަމަ ހުރިހާ ބްލޮގެއް، ސައިޓެއް ވެސް ހިންގޭނީ ރަޖިސްޓްރީކޮށްގެނެވެ.
ނަމަވެސް މީޑިއާ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނެފައި ވަނީ "މީޑިއާ ކަމަށް ބުނެފައި އެ ވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަހުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިށްތިހާރު، ހާމަކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް، ނުވަތަ އަގަކާނުލައި ލިބޭ ގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއު ކުރެވޭ ޝާއިއު ކުރުންތަކަށް" ކަމަށެވެ.












