ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ހޮޅިދަނޑިއަކުން ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ, މި ހާދިސާގައި އަނިޔާވީ އަންހެނަކަށް ކަމަށާއި, އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ރޯޝަނީ މަގުގައި ހުރި ހަދަމުންދާ އިމާރާތަކުން ހޮޅިދަނޑިއެއް ވެއްޓި, އަންހެނަކަށް އަނިޔާވެގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 7:29 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މާލޭގައި ހަދަމުންދާ އިމާރާތްތަކުން ތަކެތި ވެއްޓި, މީގެ ކުރިން ވެސް މީހުންނަށް އަނިޔާވެފައި އެބަ ހުއްޓެވެ. ހަދަމުންދާ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުއްޖަކު މަރުވެފައި ވެސް ވެއެވެ.














