ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހާއްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން އަލުން ހުޅުވާލައިފި އެވެ.
އަންނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ދިއުމަށް ރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއަށް މީހުން ހައްޖަށް ގެންދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ހަވާލުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ.
އެގޮތުން އެ ކޯޕަރޭޝަނުން ވަނީ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ހައްޖު ކިއޫގައިވާ ފަރާތްތަކުގެ ޖާގަ އަވަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަފަ އެވެ. ހައްޖު ކޯޕަރޭޝަނަށް ލިބޭ ހައްޖު ކޯޓާގެ ފަސް އިންސައްތަ އެފަދަ މީހުންނަށް ހާއްސަކުރުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ނިންމައިފަ އެވެ.
މި ފުރުސަތަށް އެދި ހުށަހެޅުމަށް ޝަރުތުހަމަވާ މީހުންގެ ތެރޭގައި ހިމެނެނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކެވެ.
ޖާގަ ހަމަޖައްސައިދިނުމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

- ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހާއްސަ ޖާގައަށް އެދޭ ފޯމް
- ހެލްތް ސާޓިފިކޭޝަން ފޯމް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް
ހާއްސަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޑިސެމްބަރު 31، ވަނަ ދުވަހުގެ 14:00 އާ ހަމައަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ހާއްސަ ޖާގައަށް އެދި މިދިޔަ ނޮވެމްބަރު މަހު އެ ކުންފުނިން ކުރި އިއުލާނަށް އިޖާބަދީ، ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.












