ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުށަހެޅުމަށް މިއަދު ހުޅުވާލައިފި އެވެ.
އެ މަގާމު ހުސްވީ ކޮމިޝަނަރު ކަމުގައި ހުންނެވި މުހައްމަދު ހަމީދު، މިދިޔަ މަހު 15 ވަނަ ދުވަހު ރިޓަޔަ ކުރެއްވުމާ ގުޅިގެންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރަން ހުޅުވައިލަންޖެހެ އެވެ. މިއީ މިގޮތަށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ގާބިލްކަން ބެލުމަށް ފަހު ކޮމިޝަނަރު އައްޔަންކުރާ ފުރަތަމަ ފަހަރެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑު ސެކިއުރިޓީ އެންޑު ޓެކްނޮލޮޖީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ޕޮލިސް ކޮމިޝަނަރު ކަމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލިޔުމުން، މިނިސްޓްރީއަށް ހުށަހެޅުމަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުށަހެޅޭނީ މިހާރު އެސިސްޓެންޓު ކޮމިޝަނަރުގެ ރޭންކު ތިއްބެވި ފުލުހުންނަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގައި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުގެ ރޭންކުގައި މިހާރު ތިއްބެވީ 13 ބޭފުޅެކެވެ.
އެސިސްޓެންޓު ކޮމިޝަނަރުގެ ރޭންކުގައި ތިއްބެވި ފުލުހުން
- އަހުމަދު މުހައްމަދު
- ފަރުހާދު ފިކުރީ
- ހުސައިން ރަޝީދު
- އަހުމަދު ޝަމީމް
- އިސްމާއީލް ނަވީން
- މޫސާ އަލީ
- މުހައްމަދު ބަޝީރު
- މުހައްމަދު ރަޝީދު
- އާސިމް އަބްދުﷲ
- މުހައްމަދު ރިޔާޒު
- އަހުމަދު އަބްދުއްރަހުމާން
- ޔޫނުސް ސޮބާހު
- އަލީ ޝުޖާއު
ކޮމިޝަނަރު އައްޔަން ކުރަން ގާނޫނުގައި ބުނެފައިވާ ގޮތް
- އާންމުކޮށް ހުޅުވާލުން
- މަގާމަށް ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ގާބިލްކަން ވަޒަންކުރާނެ. ކުރިމަތިލާ ފަރާތްތަކާ ގުޅޭ ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑްގެ ރިޕޯޓެއް ޕޮލިސް ބޯޑުން ހޯދުން.
- ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ރިޕޯޓު މިނިސްޓަރަށް ފޮނުވަންޖެހޭނެ
ކޮމިޝަނަރު އައްޔަން ކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.













