ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ހިންގަން މިއަދު ސަރުކާރުން ސޮއިކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ 'އެކްސަލަރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ' (އެޝުއާ) ޕްރޮޖެކްޓެވެ.
މި މަޝްރޫއުގެ ދަށުން ޕަވާ ޕާޗޭސިން އެގްރީމެންޓް އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކެއް ގާއިމުކުރާނެ އެވެ. މި ނިޒާމުތަކަށް ގާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ގާއިމްކޮށް މިރަށްރަށުގެ ކަރަންޓު ވިއުގައިގެ ހާލަތު ވެސް ރަނގަޅުކުރާނެ އެވެ.
މީގެ އިތުރުން ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމްކުރުމާއި، އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޕައިލެޓްކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.
މި މަޝްރޫއުގެ ތެރެއިން 'މަގޭ ސޯލާ ޕްރޮގްރާމް' ގެ ފުރަތަމަ ފިޔަވަހީގެ ތިން މެގަވޮޓު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ހަރަދުކުރާނެ އެވެ. އަދި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދައި އެ ކަރަންޓުގެ އެހީގައި ހިންގާގޮތަށް ކޮމިއުނިޓީ އިރިގޭޝަން ސިސްޓަމަކާއި ކޮމިއުނިޓީ ފާމިން ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ހިންގާނެ އެވެ.

"މި ޕްރޮޖެކްޓުތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ލީޓަރުގެ ޑީސަލު ސަލާމަތްކުރެވި އޭގެ ސަބަބުން އަހަރަކު 26 ހާސް ޓަނުގެ ވިހަ ގޭސް ޖައްވަށް ބޭރުކުރުން މަދުކުރެވޭނެ އެވެ،" މިނިސްޓްރީން ބުންޏެވެ.
މި ރަސްމިއްޔާތުގައި ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވީ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މި ޕްރޮޖެކްޓްގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.












