ބޭރުގެ އާގު ބޯޓުފަހަރަށް ތެޔޮ އެޅުމާއި ސާވިސް ދިނުމަށް ހިންގަން ނިންމާފައިވާ އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއުގެ އެއްބަސްވުން މި ސަރުކާރުން ރިވިއުކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ކުންފުންޏާއެކު ސޮއިކުރި އިހަވަންދިއްޕޮޅު ބަންކަރިންގެ މަޝްރޫއާ ގުޅޭ ގޮތުން މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، ގަތަރުގެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ އެސްޓީއޯއިން ކަމަށާއި އެސްޓީއޯއިން މިހާރު އެ އެއްބަސްވުން ރިވިއު ކުރަމުންދާ ކަމަށެވެ.
"މަޝްރޫއު ހުއްޓައެއް ނުލާ، އަޅުގަނޑުގެ މިނިސްޓްރީއަކުން ނޫން ސޮއިކުރީ، އެސްޓީއޯ އިން ކުރީ، އަޅުގަނޑު ބަލާލިން އެއްބަސްވުން އެކްޓިވްތޯ، އެކްޓިވް ކަމަށް މައުލޫމާތު ދެއްވީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެއްބަސްވުން ރިވިއު ކުރަން ނިންމި ނަމަވެސް އެ އެގްރީމެންޓު ކުރިއަށްނުގެންދަން ނިންމާފައިނުވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި އެއްބަސްވުން ރިވިއު ކުރަން ނިންމި ސަބަބު މިއަދުގެ މަޖިލީހުގައި ވިދާޅެއްނުވެ އެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އެސްޓީއޯ އިން ކުރިން ބުނެފައި ވަނީ ރާއްޖޭގެ އެންމެ އުތުރުން އޮންނަ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައި ކަމަށެވެ. އެ ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރެ އެވެ. އެހެންކަމުން، މިއީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއެއްގެ ގޮތުގައި އެސްޓީއޯއިން ސިފަ ކުރެ އެވެ.

އިހަވަންދިއްޕޮޅު ސަރަހައްދުން ހުރަސް ކުރާ، ބޮޑެތި އާގު ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފެށުމުގެ ގޮތުން އެސްޓީއޯއިން ބަންކަރިން ޕްރޮޖެކްޓު ކުރިޔަށް ގެންދަން ގަތަރުގެ އާބަކޮންއާއެކު އެމްއޯޔޫއެއްގައި ސޮއިކުރީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ކުރީ ސަރުކާރުން މި މަޝްރޫއު ހިންގުމަށް ނިންމީ އިހަވަންދިއްޕޮޅުގައި ރާވާފައިވާ ޕޯޓް ސިޓީ ޑިވޮލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުންނެވެ. އިހަވަންދިއްޕޮޅަކީ ގުދުރަތީ ގޮތުން ރާއްޖޭގެ އެންމެ އުތުރުގައި އޮތް އަތޮޅެވެ. އެ އަތޮޅުގައި ހިމެނެނީ ތުރާކުނު، އުލިގަމު، ހޯރަފުށި، އިހަވަންދޫ އަދި މޮޅަދޫ އެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އާބަކޮންއާއެކީ ސޮއިކުރި އެމްއޯޔޫގެ ދަށުން މި ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވްއެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހެދުމާއި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރުން ހިމެނެ އެވެ.











