ރާއްޖެ އާއި އިންޑިއާ ގުޅިގެން ސަލާމަތީ ދާއިރާ އާއި ޓެކްނޮލޮޖީ (ފަންނިއްޔާތު) ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި އިހުސާންގެ އަރިހަށް ޒިޔާރަތްކުރި އިންޑިއާ އެމްބަސީގެ ވަފުދުގައި ސަފީރު މަހާވަރުގެ އިތުރުން ކޮމާސް ދާއިރާގެ ފަސްޓް ސެކެޓްރީ ކިރަން ހަތުރީ އާއި ސިޔާސީ ދާއިރާގެ ފަސްޓް ސެކެޓްރީ ކަރަން ޔާދަވް އާއި ޑިފެންސް އެޑްވައިޒަރު ޑީޕަކް ބާލީ ހިމެނިވަޑައިގެންނެވި އެވެ.
ހޯމްލޭންޑް މިިނިސްޓްރީގެ ކުރު ޕޯސްޓުގައި ބުނީ މަޝްވަރާކުރެވުނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގުޅިގެން މަސައްކަތް ކުރާ ދާއިރާތަކާ ގުޅޭގޮތުން ކަމަށެވެ.
މި ބައްދަލުވުމުގައި ސަލާމަތާއި ޓެކްނޮލޮޖީގެ މަޝްވަރާތައް ކުރެވުނު ކަމަށް ބުނީ އިންޑިއާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓުގަ އެވެ. އިންޑިއާ އެމްބަސީން ބުނީ ކުރެވުނު މަޝްވަރާތަކުގައި ހާއްސަ އިސްކަމެއް ދެވުނީ ދެ ދާއިރާއިން ވެސް ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ކަމަށެވެ.
ހޯމްލޭންޑް މިނިސްޓަރާ ބައްދަލުކުރުމުގެ ކުރިން މަހާވަރު، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ވެސް ބައްދަލުކުރެއްވި އެވެ.

އިންޑިއާ ސަފީރުގެ ބައްދަލުވުންތައް ކުރިއަށް މިދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން ދިވެހި ސަރުކާރުން އެދިފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅޭގޮތުން މިހާތަނަށް އިންޑިއާއިން މާ ގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް ސިފައިން ގެންދަން އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ކަމުގެ މައުލޫމާތު ހުރި ސަރުކާގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެ އެވެ.
އެހެން ނަމަވެސް، އެ މައްސަލައިގައި ސުލްހަވެރި ހައްލެއް ހޯދަން އެ ގައުމުން އެއްބާރުލުން ދޭން އޮތީ ތައްޔާރަށެވެ. ސަރުކާރުން ވެސް ބުނަމުން އަންނަނީ މިކަން ކުރާނީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ދެ ގައުމުގެ ގުޅުމަށް ބުރޫނާރާނެ ފަދަ ގޮތަކަށެވެ.












