މިފްކޯއަށް ކިރުވާފައިވާ މަހަށް މަސްވެރިންނަށް 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައި ދެއްވާފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި އޮތުން ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ.
ޝިޔާމް ވިދާޅުވީ މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ކިރުމަށް ފަހު، ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އެކަމުގެ ސަބަބުން، މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް އުނދަގޫ ވަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ރައީސްގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން، އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާ، 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް މިހާރުވަނީ ރައީސް ހަމަޖައްސަވާފައި، އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް ހޯދުން،" ޝިޔާމް ވިދާޅުވި އެވެ.
އާ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 200 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަަމަށް މީގެ ކުރިން ޝިޔާމް ވިދާޅުވެފައިވެ އެވެ. އަދި، ވެރިކަމާ ހަވާލުވުމަށްފަހު، 30 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަމަށް ވެސް، ޝިޔާމް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ދެކިލައްވާ ގޮތުގައި، މަސްވެރިންނަށް ފައިސާ ދިނުމުގައި ދަތި ވެފައި އޮތީ، ދައުލަތުގައި އެކަށީގެންވާ މިންވަރަށް ފައިސާ ނެތުމުންނެވެ. ހަރަދަށް ޒިންމާ ވުމުގެ ގާނޫނު ސަސްޕެންޑް ކޮށްފައި އޮތް އޮތުން އުވާލުމާއެކު ދައުލަތަށް ފައިސާ ލިބޭނެ ގޮތްތައް ވެސް ފަހި ވެގެން ދާނެ ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ.











