ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މި ސަރުކާރުން ހާމަނުކުރާތީ، ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާ ނޫސްވެރިން ރޭ ސުވާލުކުރުމުން، އެ ސުވާލުތަކަށް ޖަވާބުދެއްވުމުގައި ކުރީގެ ސަރުކާރަށް ކުރައްވަމުން ގެންދެވި ތުހުމަތު އޭނާ ތަކުރާރު ކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރައްވައި އެމީހުން އަނބުރާ ފޮނުވައިލައްވާނެ ކަމުގެ ވައުދާ އެކުގަ އެވެ. އެމަނިކުފާނާއި ޕީއެންސީ/ޕީޕީއެމް ކޯލިޝަން އިދިކޮޅުގައި ތިބި އިރު ތުހުމަތުކުރީ ރާއްޖޭގައި އިންޑިއާ ސިފައިންގެ އެތައް ސަތޭކަ ބަޔަކު ތިބި ކަމަށެވެ. އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތައް ހުރީ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް ކަމަށް ވެސް އޭރު ތުހުމަތު ކުރި އެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވައި އެ ޕާޓީ އާއި ޕީޕީއެމުން ރޭ ބޭއްވި ޖޮއިންޓް ސެޓެން ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި އިންޑިއާ ސިފައިންގެ އަދަދާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން އަބްދުއްރަހީމް ފުރަތަމަ ވިދާޅުވީ އެެއީ އެ ބައްދަލުވުމުގެ މައުލޫއާ ގުޅޭ ސުވާލެއް ނޫން ކަމަށެވެ.
"އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު އަދި ވެސް ނޭނގެނީ ސަރުކާރުގެ ނާގާބިލުކަމުން ކަމަށް ގަބޫލުކުރައްވަންތޯ" ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެ އަދަދު ނޭނގެނީ އެހެންވެ ނޫން ކަމަށެވެ.
"އެެއްގޮތަކަށް ވެސް އެހެންނެއް ނޫން. އަޅުގަނޑުމެން މިރޭ މި ބާއްވަނީ ޕީޕީއެމް/ޕީއެންސީގެ ޕްރެސް އެއް. އެއްގޮތަކަށް ވެސް ސަރުކާރުގެ މަގާމުތަކުގައި ތިބި ހައިސިއްޔަތަކުން ނޫން މިތަނަށް އައިސް މިތިބީ. އެހެންވީމާ އަޅުގަނޑުމެންނެއް އިންޑިއާ ސިފައިން ތިބި އަދަދާއި ސަރުކާރުގައި ހުރި ކަންކަމު ސުވާލުތަކަކަށް މިރެއަކު ޖަވާބެއް ނާރުވާނަން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އިންޑިއާ ސިފައިންނާ ގުޅޭ ވާހަކަތައް ދެއްކެވި އިރު ވެސް ތިއްބެވީ ޕީޕީއެމްޕީއެންސީގެ ހައިސިއްޔަތުން ކަމަށް ވާއިރު މިއަދު ވެސް އެހައިސިއްޔަތުން ޖަވާބުދެއްވަން ޖެހޭނެ ނޫންތޯ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުގައި ތިބެގެން އޭރު ދެއްކީ ރަނގަޅު ވާހަކަ ކަމަށެވެ.
"އަޅުގަނޑުމެން ބުނަމުން ދިޔައީ އިންޑިއާ ސިފައިން އެެބަތިއްބޭ ރާއްޖޭގައި. އިންޑިއާ ސިފައިން އެބަ ތިބި ރާއްޖޭގައި. އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ ނެތޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ސަރުކާރުން އޮޅުވައިލާ ދޮގު ހެދި ކަމަށާއި ރައްޔިތުން އެކަން ބަލައިގަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ވެގެން އަަޅުގަނޑުމެންނަށް ވޯޓުދިނީ. އޭރުގެ ސަރުކާރު ނާގާބިލުވީމާ އަޅުގަނޑުމެންނަށް ވޯޓު ދިނީ. އޭރުގެ ސަރުކާރުން ރައްޔިތުންނަށް ހިޔާނާތްތެރިވީމާ އަޅުގަނޑުމެންނަށް ވޯޓު ދިނީ. އޭރުގެ ސަރުކާރުން ވައުދުތައް ނުުފުއްދީމާ އަަޅުގަނޑުމެންނަށް ވޯޓުދިނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރަށް އަދި ތިން ހަފުތާ ނުވާ ކަމަށާއި އެހެން ނަމަވެސް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުން އަންނަ ކަމަށެވެ.













