ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތީ އެންމެ 22 މެމްބަރުންކަމަށް ރިޔާސަތުން ހާމަކޮށްފި އެވެ.
މަޖިލީހުގައި މިވަގުތު ތިއްބެވި 81 މެމްބަރުންގެ ތެރެއިން މިއަދުގެ ޖަލްސާއަށް އެންމެ 22 މެމްބަރުން ހާޒިރުވެވަޑައިގަތްއިރު، ސަލާމުގައި ތިއްބެވީ އެންމެ ތިން މެމްބަރުންނެވެ.
މަޖިލީހުގައި މިއަދު އެޖެންޑާކޮށްފައި އޮތީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސެވެ. ބަޖެޓުގެ މައުލޫމާތު ހިއްސާ ކުރެއްވުުމަށް އާ ފިނޭންސް މިނިސްޓަރ ޑރ މުހައްމަދު ޝަފީގުވެސް މަޖިލީހުގައި ވަޑައިގެން އިންނެވި އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ރޭ 10:00އާ ހަމައަށް ކުރިއަށް ގެންދަން ނިންމުމަށްފަހުވެސް، ބަހުސް ކުރާނެ މެމްބަރުން ނެތުމުން ކުރުކޮށްލި އެވެ. އިއްޔެ މެންދުރު ފަހު 2:40 ހާއިރު ޖަލްސާގެ ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ އިއުލާނުކުރެއްވީ ތަޅުމުގައި ތިއްބެވި ހުރިހާ މެމްބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނިމިފައިވާ ކަމަށެވެ. ޖަލްސާ ނިންމަވައިލެއްވިކަން އެއާ އެކު އޭނާ އިއުލާނު ކުރެއްވި އެވެ.
އިއްޔެގެ ޖަލްސާ ފެށި އިރު ޖަލްސާއަށް ވަޑައިގެން ތިއްބެވީ 32 މެމްބަރުންނެވެ. މަޖިލީހުގެ ޖުމްލީހުގައި 87 ދާއިރާ އޮންނަ އިރު، 81 މެމްބަރަކު މިހާރު ވެސް ތިއްބަވަ އެވެ. މެމްބަރުންގެ އަދަދު 81 އަށް މަދުވީ ވަޒީރުކަމަށް ވަޑައިގަންނަވަން ބައެއް މެމްބަރުން އިސްތިއުފާ ދެއްވުމުންނެވެ.













