މިދިޔަ މަހުގެ ހަތަކުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމުގެ އެއްބަސްވުމަކާ ގާތްވެއްޖެ ކަމަށް ފަލަސްތީނުގެ ގާޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވެއްޖެ އެވެ.
ހަނިއްޔާ ވިދާޅުވި ގޮތުގައި ހަމަލާތައް މެދުކަނޑައިލުމުގެ މި އެއްބަސްވުމަކީ ގަތަރުން މެދުވެރިވެގެން އިޒްރޭލާ އެ ޖަމާއަތް އަދި ފަލަސްތީނުގެ އޮތޯރިޓީއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން އާދެވޭ އެއްބަސްވުމެއް ކަމަށެވެ.
ހަމާސްގެ އެހެން އިސް އޮފިޝަލަކު ގަތަރުގެ އަލް ޖަޒީރާއަށް ބުނި ގޮތުގައި މިހާރު މަޝްވަރާތައް ކުރިއަށްދަނީ ހަމަލާތައް މެދުކަނޑައިލާނެ މުއްދަތަކާމެދު ގަ އެވެ. މި ހަފުތާގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"މި އެއްބަސްވުމުގެ ދަށުން ހަމަލާތައް މެދުކަނޑާލުމުގެ އިތުރުން، ގާޒާގެ ހުރިހާ ސަރަހައްދަކަށް އެހީގެ އުޅަނދުތައް ވަދެވޭނެ މަގު ފަހިކޮށްދިނުމުގެ ފުރުސަތާއި އަނިޔާވެފައިވާ މީހުން އެހެން ގައުމުތަކަށް ފަރުވާއަށް ފޮނުމުވުގެ ފުރުސަތުވެސް ލިބިގެންދާނެ" އޭނާ އިތުރަށް ބުންޏެވެ.
އޭގެއިތުރުން، ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އާންމުން އަދި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އާންމުން މި އެއްބަސްވުމުގެ ދަށުން މިނިވަންކުރާނެ އެވެ.

މިދިޔަ އޮކްޓޫބަރު މަހު 7 ގައި ފެށި ހަނގުރާމައަށް ދޮޅު މަސް ވާން ގާތްވެފައިވާއިރު މިހައިތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 12،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެތެރެއިން 5000 އަކީ ކުޑަކުދިންނެވެ.
ވައިގެ ހަމަލާތަކުގެ އިތުރުން އިޒްރޭލުން ގާޒާގެ އުތުރަށް ވަނީ ވަދެގަނެފަ އެވެ. ޓޭންކަރުތަކާއި އެއްގަމު ސިފައިން ބޭނުންކޮށްގެން އިޒްރޭލު އަސްކަރިއްޔާއިން ދަނީ އުތުރު ގާޒާ ސުންނާފަތި ކުރަމުންނެވެ.













