އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާ ކުށްވެރިކޮށް، ފިޔަވަޅު އެޅުމުގެ ގޮތުން، އިޒްރޭލުން މުދާ އެތެރެކުރުން މަނާކުރުމާއި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ މެދުކެނޑުމެއްނެތި ގާޒާއަށް ހަމަލާ ދެމުންނެވެ. ފަލަސްތީނު ދަރިކޮޅުގެ ރައްޔިތުން ނައްތާލުމުގެ އަމާޒުގައި އިޒްރޭލުން ދެމުންދާ މި ހަމަލާތަކުގައި ގާޒާއިން އެކަނި 12,500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.
މިއީ މީގެ ހަފުތާއެއް ކުރީގެ އަދަދުތަކެވެ. އޭގެ ފަހުން ޝަހީދުވާ މީހުންގެ އަދަދު ނުބެލެހެއްޓޭ ހާލަތަށް ވަނީ ގޮސްފަ އެވެ. އިޒްރޭލުން ދަނީ ހަމަލާތަކުގައި ގާޒާ ސުންނާފަތި ކުރަމުންނެވެ.
އިޒްރޭލާ ދެކޮޅަށް މަޖިލީހަށް އޮކްޓޯބަރު 14, ގައި ގަރާރެއް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ. އޮކްޓޯބަރު 16, ގައި އޮތް ޖަލްސާގައި އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު ބަހުސް ފެށީ އޮކްޓޯބަރު 25, ގަ އެވެ. ރިޔާސަތުގެ ހައިޖާނުގެ ތެރޭގައި މަޖިލިސް އޮތީ އެ މުއްދަތުގެ ތެރޭގައި ހުއްޓިފަ އެވެ.
އެއަށްފަހު މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރުމަށް ގޮވާލާ އާންމުން މުޒާހަރާ ކުރި ނަމަވެސް، ހުކުރު ދުވަހު ބޭއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ޕްލޭން ބީ އަކަށް މަޖިލިސް ކުރާގެ ތައްޔާރުކުރުމުގެ މަސައްކަތަށް އެ ދުވަހުގެ ޖަލްސާ 2:30 ގައި ނިންމާލަން ޖެހުމުންނެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އެ ގަރާރަށް މެންބަރުންގެ މެދުގައި ބަހުސްކުރުމެވެ. ބުދަ ދުވަހު ކުރިއަށްދިޔަ ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސްގައިވެސް މެންބަރުން ވަނީ މި މައްސަލަ އަވަސްކޮށްދިނުމަށް ގޮވާލާ، އިޒްރޭލާ ދެކޮޅަށް އަޑުއުފުލާފަ އެވެ.
އެ ގަރާރުގެ އިތުރުން، އިޒްރޭލު މީހުންނަށް ރާއްޖެ ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް މިހާރު މަޖިލީހަށް ވަނީ ބިލެއްވެސް ހުށަހަޅާފަ އެވެ. އެ ބިލު އަދި މަޖިލީހުން ބަލައިގަނެފައެއް ނުވެ އެވެ.
ފަލަސްތީނުގެ މިނިވަން ދުވަހަކީ ނޮވެމްބަރު 15، 1988 އެވެ. މިއަދަކީ އެ ތާރީހު ކަމަށް ވާތީ ފަލަސްތީނުގެ ދިފާއުގައި އިޒްރޭލުގެ ފަތުރުވެރިން އައުން މަނާ ކުރުމަށް ގޮވާލައި މަޖިލިސް ކައިރީ އާންމުން އިހުތިޖާޖުކޮށްފައިވެ އެވެ. އަދި މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ވެސް އަޑު އުފުލާފައިވެ އެވެ.












