މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި، ކުރީގެ މުސްކުޅި ގަޑިބުރު ޒަމާނީ ބަދަލުތަކާއެކު ތަރައްގީކޮށް މިރޭ އިފްތިތާހުކޮށްފި އެވެ.
އެތަން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ފެއްޓެވި މަސައްްކަތެކެވެ.
ގަޑިބުރު އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރީ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. ޕަޔަނިއާ އިންވެސްޓްމެންޓް އަކީ ކޮވިޑުތެރޭގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޕީސީއާރު ވިޔަފާރިކުރި ކުންފުންޏެވެ. ކުންފުނީގެ ބޯޑުގައި ތިއްބަވަނީ ޑރ. އަލީ ލަތީފް އާއި ޑރ. އިކްލީލް ޝަރީފްގެ އިތުރުން ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ކޮއްކޮ އިބްރާހިމް ސައީދެވެ.

މާފަންނު ގަޑިބުރު، ޒަމާނީ ބަދަލުތަކާއެކު މިރޭ ވަނީ އިފްތިތާހުކޮށްފަ ---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެކުންފުނިން ގަޑިބުރު ހަދާފައިވަނީ އެންމެ ފުރަތަމަ ހެދި ގަޑިބުރު އަސްލަކަށް ބަލައިގެންނެވެ. ރޭގަނޑުވުމުން އެކި ކުލަކުލައިން ދިއްލޭ ގޮތައް ބުރުގައި ލައިޓު ހަރުކޮށްފައިވާއިރު ގަޑީގެ މެދުން ވަށައިގެން ހުންނަ ލެޑް ޕެނަލްތަކުން މުހިއްމު މެސެޖުތަކާއި އިޝްތިހާރުތައް ގެނެސްދޭނެ އެވެ.

އިސްލާމީވަންތަކަން ރަމްޒުވާ ފަރުމާއަކަށް ފަރުމާކޮށްފައިވާ ގަޑިބުރުގައި ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ހުރެއެވެ. އަދި އެ ގަޑިން ފަސް ވަގުތު ބަންގީގެ އަޑުވެސް އިވޭނެ އެވެ.
މާފަންނު ގަޑިބުރަކީ ނަވާރަސަތޭކައިގެ ތެރޭގައި ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގަޑިބުރު ތަޅާލާ މަރާމާތުކުރިއެވެ. މިގޮތުން 2016 ވަނަ އަހަރުގެ ފަހުކޮޅު ގަޑިބުރު ތަޅާލާ އޭރުގެ ސަރުކާރުން އެތަން މަރާމާތުކުރި އެވެ. އަނެއްކާގެ އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖުލައިމަހު ވެސް އެތަން ތަޅާލާ އަލުން ވަނީ މަރާމާތުކޮށްފަ އެވެ.












