ސަފީރު އެދިވަޑައިގަންނަވަނީ ދިވެހީންގެ އެހީ ފަލަސްތީނަށް ފޯރާކަން ކަށަވަރުކުރަން!

ފަލަސްތީނު ސަފީރު ވަލީދު އަބޫ އަލީ "އަދަދު" އަށް އިންޓަވިއު ދެއްވަނީ : އޭނާ ވިދާޅުވީ

ފަލަސްތީނު ސަފީރު ވަލީދު އަބޫ އަލީ "އަދަދު" އަށް އިންޓަވިއު ދެއްވަނީ : އޭނާ ވިދާޅުވީ

ދިވެހިންގެ ހިތުގައި ފަލަސްތީނަށް އޮތް ލޯތްބާއި އެ ގައުމުން މިނިވަންކަމަށް ކުރާ ދަތުރުގައި ދެގޮތެއްނުވެ ސާބިތުކަމާއެކު ދިވެހިން ތިބޭ ތިބުމަކީ އާ ވާހަކައެއް ނޫނެވެ. އިއްޔެ ހެދުނުން ފެށިގެން އަސުރަށް ރައްޔިތުންގެ މަޖިލިސް ދޮށުންވެސް ފެނިގެންދިޔައީ ފަލަސްތީނަށް ކުރާ ތާއީދާއި އިޒްރޭލަށް ކުރާ ނަފުރަތެވެ.

އެ އަޑުއުފުލުމުގެ ތެރެއިން އެންމެ ހާއްސަ މަންޒަރަކީ ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އަބޫ އަލީ އެ ތަނަށް ވަޑައިގެން ތިބި ޒުވާނުންނާއެކު 'ފްރީ ފްރީ ފަލަސްތީން' އޭ ގޮވައިލެއްވި މަންޒަރެވެ.

"އިއްޔެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކޮށްފަ ނިކުތްތަނުން ދިމާވީ ފަލަސްތީނު ދިދަތަކާއި ސްކާފުތައް ހިފައިގެން ތިބި ދިވެހިން ޒުވާނުންތަކަކާ، އެމީހުންނަށް އަޅުގަނޑަކީ ކާކުކަމެއް ފުރަތަމަ ނޭނގުނު، އަޅުގަނޑަކަށްވެސް ނޭނގޭ އެމީހުންނަކީ ކޮންބައެއް ކަމެއް" ވަލީދު ވިދާޅުވި އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސަފީރު ވިދާޅުވެ ދެއްވީ އިއްޔެގެ މުޒާހަރާގެ ތެރެއަށް ވަޑައިގެންނެވުނު ގޮތެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަކު އަނެކަކަށް ނޭނގުނަސް، ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލަމުންދާތަން ފެނުމުން އެ ސަރަހައްދަށް ވަޑައިގެން އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވީ ކަމަށެވެ.

ވަލީދު ވިދާޅުވި ގޮތުގައި އޭނާއަކީ ފަލަސްތީނުގެ ސަފީރުކަން އިނގުމުން އެއްވެ ތިބި ފަރާތްތަކަށް އުފާވެރިކަން ލިބުނުކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ގޮސް އެކުދިންނަށް ޝުކުރު އަދާކުރިން، އޭރު ނޭނގޭ ގޮވާލަމުންދިޔައީ ކޮން ކަމަކަށް ކަމެއް، އެކަމަކު ފަހުން އިނގުނީ އެ އެއްވުމުގައި މަޖިލީހަށް ގޮވާލީ ބޮއިކޮޓުކުރަންކަން ކަމަށް، ބޮއިކޮޓު ކުރުމަކީ ވަރަށް މުހިންމު ކަމެއް، ހާއްސަކޮށް ރާއްޖެފަދަ ގައުމަކުން އެކަން ކުރީމަ ބައިނަލްއަގުވާމީ މުޖުތަމައަށް އަދި އިޒްރޭލަށް ސަޕޯޓުކުރާ ފަރާތްތަަކަށް ދެވޭ ވަރުގަދަ މެސެޖެއް" އޭނާ ވިދާޅުވި އެވެ.

ރާއްޖެ ފަދަ މަގުބޫލު އަދި ބައިނަލްއަގުވާމީ މުޖުތަމައުގާ ނަން ހިނގާ ގައުމަކުން އެފަދަ ނިންމުމެއް ނިންމުން ވެގެންދާނީ، އިޒްރޭލަށް ވާގިވެރިވާ ގައުމުތަކާއި، ކުންފުނިތަކާއި ވަކިވަކި މީހުންނަށްވެސް ދެވޭ ވަރުގަދަ މެސެޖަކަށް ވާނެ ކަން އޭނާ ތަކުރާރުކޮށް ފާހަ ކުރެއްވި އެވެ.

އެހީ ހަވާލު ކުރަންވީ މިސްރު ރެޑްކްރެސެންޓާ

ވަލީދު ވިދާޅުވީ ދިވެހި ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ފަލަސްތީނަށް ކުރަމުންދާ ތާއީދާ މެދު އެއްވެސް ބަޔަކު ސުވާލު ނުކުރާ ކަމަށެވެ. ނަމަވެސް، ގާޒާ، ހުޅަނގު އައްސޭރި އަދި ގުދުސްގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާއިރު އެ އެހީ ފަލަސްތީނާ ހަމައަށް ފޯރާކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

"އެކަން ކަށަވަރުކުރުމަށް ޓަކައި ފެލަސްޓީނިއަން އޮތޯރިޓީން މަސައްކަތް ކުރަން ނިންމީ މިހާރު ގާޒާއަށް ފޮނުވާ ހުރިހާ އެހީއެއް ދާން ވާނީ މިސްރުގެ ރެޑް ކްރެސެންޓު މެދުވެރިކޮށް ކަމަށް، އެއީ މާލީ އެހީވިޔަސް، މުދަލުގެ އެހީވިޔަސް ގާޒާއަށް ވައްދަމުންދާނީ އެ ޖަމާއަތުން"

އޭނާ ވިދާޅުވި ގޮތުގައި މިސްރާއި ފަލަސްތީނުގެ ރެޑް ކްރެސެންޓުން މަސައްކަތް ކުރަމުން އަންނަނީ އެކު އެކީގަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އެހީ ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަކަން އެ ދެ ޖަމާއަތުން ކަށަވަރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަމުގައި ކުރިމަތިވާ މައިގަނޑު ހިރާހަކީ އިޒްރޭލާއި އެމެރިކާ އަދި ބައިނަލްއަގުވާމީ މުޖުތަމައުން، އެ އެހީ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ކުރިމަތިކުރާ ފިއްތުންތަކެވެ. އެ ފިއްތުންތައް އެންމެ ބޮޑަށް އަމާޒުވަނީ މިސްރަށެވެ. ވޭތުވެދިޔަ 40 ދުވަހުގެ ބޮޑު ބައެއްގައި މިސްރާއި ގާޒާއާ ދެމެދު އޮންނަ ރަފާހު ބޯޑަރު އޮތީ ބަންދުކޮށްފަ އެވެ.

"އަޅުގަނޑުމެން ޕެލަސްޓީނިއަން އޮތޯރިޓީން މި މަސައްކަތް ކުރަނީ އިންސާނީ އެހީ އެންމެ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭތޯ، އެއީ އަޅުގަނޑުމެންގެ ވާޖިބެއް ކަމަށް ދެކެނީ، ދިވެހިން ފޮނުވާ އެހީވެސް ގާޒާގެ ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިނުން" ވަލީދު ވިދާޅުވި އެވެ.

އެހީ ފޯރުކޮށްދިނުމުގައި އަދުގެ ހަގީގަތްތައް ގަބޫލުކުރުމަކީ ވަލީދު ވިދާޅުވި ގޮތުގައި މުހިއްމު ކަމެކެވެ. އެފަދަ އެއް ހަގީގަތަކީ އިޒްރޭލުން ފަލަސްތީނުގެ ބޯޑަރުތަކާއި ބިންތައް އަދި ހާއްސަކޮށް ގާޒާއަށް ވަދެނުކުމެވުން ކޮންޓްރޯލް ކުރާ ކަމެވެ. އެއްގަމާއި ވައިގެ ސަރަހައްދު ވެސްމެ އެވެ.

ވަލީދު ވިދާޅުވި ގޮތުގައި ބޯޑަރު ހުރަސްކޮށް ފަލަސްތީނުގެ އެއްވެސް ސަރަހައްދަކަށް ދެވެނީ އިޒްރޭލާ ވާހަކަ ދެކެވިގެން، ހާއްސަކޮށް ގާޒާއަށް އެއްވެސް އެހީއެއް ފޯރުކޮށްދެވެނީ އެ މީހުން ހުއްދަ ލިބިގެންނެވެ.

"ގާޒާއަށް މިހާރު ބޭނުންވަނީ ކޯއްޗެއްހޭ މީހުން އަހާ، ގާޒާއަށް ހުރިހާ އެއްޗެއްވެސް ބޭނުންވޭ، ސާފު ބޯފެނާއި ކާބޯތަކެތި، ހެލްތު ސަޕްލައި އަދި ތެލުން ފެށިގެން ހުރިހާ އެއްޗެއް ބޭނުންވޭ، އިޒްރޭލުން ގާޒާގެ 1.5 މިލިއަން މީހުން ގެދޮރުން ނެރުމުން އެމީހުން ވަނީ މަގުމަތިވެފަ، މިއީ ފިނި މޫސުން، އެމީހުންނަށް އެންމެ ކުޑަމިނުން ނިދާނެ ގޮދަޑިއާއި ރަޖާވެސް ބޭނުންވާނެ" އޭނާ ވިދާޅުވި އެވެ.

ހިތާމައާ އެކު އޭނާ ވިދާޅުވި ގޮތުގައި މާލީ އެހީއާ މުދަލުގެ ބަދަލުގައި ސިއްހީ ހިދުމަތްތެރިން ގާޒާއަށް ފޮނުވަން އިޒްރޭލުން ހުއްދައެއް ނުދެ އެވެ. އެކަން އެހެން އޮތް އިރު، މިދިޔަ 40 ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ގާޒާގައި ބޭނުންކުރަމުންދިޔަ 45 އަށްވުރެ ގިނަ އެމްބިއުލާންސް އިޒްރޭލުން ހަލާކުކޮށްލާފައި ވާތީ ގާޒާ މިވަގުތު ވަނީ އެމްބިއުލާންސަށް ބޭނުންޖެހިފަ އެވެ.

އެއާ އެކު އިޒްރޭލުން ދަނީ ގާޒާއަށް ވެއްދޭ އެހީގެ މިންވަރު ވަރަށް ބޮޑަށް ހިފަހައްޓަމުންނެވެ. ހާއްސަކޮށް ތެޔޮ ވެއްދުން ވަނީ ލިމިޓު ކޮށްފަ އެވެ. އެހެންވެ ގާޒާގެ ގިނަ ހޮސްޕިޓަލުތަކުގެ ހިދުމަތްތައް މެދުކަނޑާލަން ވަނީ މަޖުބޫރުވެފަ އެވެ.

"މިހާތަނަށް އެމީހުން ހުއްދަ ދިނީ އެންމެ އެއްލަކަ ލީޓަރުގެ ތެޔޮ ވައްދަން، އދ. އިން ބުނާ ގޮތުން ގާޒާއަށް ދުވާލެއްގެ މައްޗަށް ދެ ލައްކަ ލީޓަރުގެ ތެޔޮ ބޭނުންވޭ، އެއީ މިހާރުގެ ހާލަތަކީ"

"އަނިޔާގައި 75 އަހަރު، 'ބައިނަލްއަގުވާމީ މުޖުތަމައުން އެއްވެސް ކަމެއް ނުކުރޭ"

ފެންނަން އޮތް ހަގީގަތަކީ ހަތް ދަހަރާއި ބައިވިއިރު، މިނިވަންކަމަށް ޓަކައި ފަލަސްތީނު މީހުން ކުރަމުން އަންނަ މަސައްކަތުގައި އެހެން ގައުމުތަކުން އެކަށޭނަ އެހީތެރިކަމެއް ނުލިބޭ ކަމެވެ. އެތައް ހާސް ބަޔަކު މަރަމުންދާއިރު އިޒްރޭލާ ދެކޮޅަށް އަރަބި އަދި މުސްލިމު ގައުމުތަކުން ފިޔަވަޅެއް އަޅަން ނުކެރޭ ކަމެވެ.

ފަލަސްތީނުގެ ސަފީރުވެސް ތަކުރާރު ކުރެއްވީ އެ ވާހަކަ އެވެ.

"މުޅި މުސްލިމު އުންމަތަށްވެސް އިނގޭ ފަލަސްތީނު ރައްޔިތުން އަޅުވެތިކަމުގައި 75 އަހަރު ވޭތުކޮށްފިކަން، ނަމަވެސް އަޅުގަނޑުމެންގެ ގައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކަންކުރަނީ ބޭއިންސާފުން، ރަޝިއާއިން ޔޫކްރޭނަށް ހަމަލާދިނީމާ ހުރިހާ ގައުމަކުން އަވަސް އަރުވާލައިގެން ބަސް އިއްވި، ފިޔަވަޅު އެޅި، ނަމަވެސް އިޒްރޭލުން ފަލަސްތީނަށް ހަމަލާދިނީމާ އެއްވެސް ކަމެއް ނުކުރޭ" ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެހެން ގައުމުތަކަކޭ އެއް ބީދައިން މިނިވަންކަން މަތީ އުޅުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ.

"އެތައް ސަތޭކަ ހާސް ބަޔަކު ޝަހީދުކޮށްލައިފި، 7،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ތިބީ އިޒްރޭލުގެ ޖަލުތަކުގައި، ފަލަސްތީނު ރައްޔިތުންގެ ދެބައިކުޅަ އެއްބައި މީހުން ތިބީ އެހެން ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި، ރާއްޖޭގައި އެބަތިބި ފަލަސްތީނު މީހުން އަމިއްލަ ގައުމަށް ނުދެވިފަ" އޭނާ ވިދާޅުވި އެވެ.

ފަލަސްތީނު އޮތީ އެކުގައި، ކުރިމަގު ނިންމާނީ ރައްޔިތުން

ފަލަސްތީނު މީހުންގެ އެތެރޭގެ ސަރުކާރު (ޕެލަސްޓީނިއަން އޮތޯރިޓީ) ހިންގާ ފަތަހަ ޖަމާއަތާ ގާޒާ ކޮންޓްރޯލްކުރާ ހަމާސްއާ ދެމެދު ދެބަސްވުންތައް އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ކުރިމަތިލުންތައްވެސް ހިނގާފައިވެ އެވެ. ނަމަވެސް، މިހާރު ކުރިއަށްދާ ގަތުލުއާންމާ އެކު ފަލަސްތީނު އޮތީ އެކުގަ އެވެ. ވަލީދު ވިދާޅުވީ، ހުޅަނގު އައްސޭރީގައި ތިބި މީހުންނާއި ގާޒާގެ ރައްޔިތުންވެސް މިހާރު ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

"މައްސަލައަކީ ހަމާސްއާ ފަތަހަ އެއް ނޫން، މައްސަލައަކީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުން، ފުރަތަމަ އިޒްރޭލުގެ ވެރިވެގަތުން ނިމުމަކަށް ގެންނަންވީ، ދެން ފަލަސްތީނުގެ ރައްޔިތުން ނިންމާނީ އެމީހުންގެ ކުރިމަގު، ފަތަހަ ވިޔަސް ހަމާސް ވިޔަސް" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ މިތިބީ އިޒްރޭލާ ދެކޮޅަށް އެކަތިގަނޑަކަށް ވެގެން، ބައިނަލްއަގުވާ މުޖުތަމައަށްވެސް ދިވެހިންނަށްވެސް އެނގެންޖެހޭ ކަމަކީ މައްސަލައަކީ އިޒްރޭލުގެ އަނިޔާވެރި ގަތުލުއާންމުކަން، އަޑުއުފުލަންވީ އެ ކަމާ ދެކޮޅައްކަން" ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ވެސް ސިޔާސީ ޕާޓީތައް އޮންނަ ފަދައިން އަދި ވެރިކަންކުރާނެ ޕާޓީއެއް ރައްޔިތުން ކަނޑައަޅާ ބީދައިން އިޒްރޭލުގެ އަނިޔާވެރިކަން ނިމުމުން ފަލަސްތީނު ރައްޔިތުންވެސް އެމީހުންގެ ވެރިން އިހުތިޔާރުކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox