ގާޒާގެ އަލް ޝިފާ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެގަނެއްޖެ

ގާޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދިން ދުވަހެއްގައި -- ފޮޓޯ: ރުއިޓާސް

ގާޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދިން ދުވަހެއްގައި -- ފޮޓޯ: ރުއިޓާސް

ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާގެ ވަށައިގެންވާ ސަރަހައްދަށް ވައިގެ މަގުން ތަކުރާރުކޮށް ހަމަލާދިނުމަށްފަހު އިޒްރޭލުގެ ސިހުޔޫނީ ސިފައިން އެ ހޮސްޕިޓަލަށް ވަދެގަނެއްޖެ އެވެ.

އަލް ޝިފާ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެގަނެފައި ވަނީ މިއަދު ހެނދުނު ފަލަސްތީނުގެ ހެލްތު މިނިސްޓަރީއަށް އިންޒާރު ދިނުމަށްފަހު އެވެ. ސިހުޔޫނީ ސިފައިން އެ ހޮސްޕިޓަލަށް ވަދެގަތުމުގެ ސަބަބުން އެތަނުގައި ބޯހިޔާވަހިކަން ހޯދަމުންދިޔަ މީހުންނާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން ބަލި މީހުން ހިމެނޭހެން އެތަނުގައި ތިބި 7500 އަށްވުރެ ގިނަ މީހުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ޝިފާ ހޮސްޕިޓަލް ތެރޭގައި ހުރި ޑޮކްޓަރަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

އެ ހޮސްޕިޓަލަށް އިޒްރޭލުން ވަދެގަނެފައިވާއިރު، ހޮސްޕިޓަލް ހުންނަ ކޮމްޕްލެކްސްގެ ތެރޭގައި މިހާރުވެސް ބަޑި ޖަހަމުން ދާކަމަށް އެތަނުގައި ހުރި ޑޮކްޓަރަކާ ހަވާލާދީ ރުއިޓާސްއިން ރިޕޯޓުކޮށްފަ އެވެ. ބަޑި ޖަހަމުން ދިއުމުގެ ސަބަބުން އެތަނުގައި ތިބި ހުރިހާ އެންމެން މިވަގުތު ތިބީ އެ ހޮސްޕިޓަލުގެ ކުޑަދޮރުތަކާ ދުރުގައި ކަމަށް ވެސް ރުއިޓާސްގައި ރިޕޯޓުކޮށްފައިވެ އެވެ.

ޝިފާ ހޮސްޕިޓަލަށް ވަދެގަތުމަށްފަހު އިޒްރޭލުން ބުނެފައި ވަނީ އެ ހޮސްޕިޓަލަށް ވަދެފައި ވަނީ އިންޓެލިޖެންސަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށެވެ. އެ ހޮސްޕިޓަލަށް ވަނތް ސިފައިންގެ ތެރޭގައި އަރަބިން ވާހަކަދައްކާ ތަރުޖަމާނުންނާއި މެޑިކަލް ޓީމުތައް ހިމެނޭ ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.

އިޒްރޭލުގެ އަސްކަރީ ސިފައިން ދަނީ އަލް ޝިފާ ކޮމްޕްލެކްސްގެ މުޅި ކޮންޓުރޯލު ނަގައި، އެ ކޮމްޕްލެކްސްގައި ހުރި އިމާރާތްތަކާއި ބިންގަރާހުގައި ހުރި ގުދަންތައް ވެސް ބަލައި ފާސް ކުރަމުންނެވެ. އޭގެއިތުރުން އިޒްރޭލުގެ ސިހުޔޫނީ ސިފައިން ގެންދަނީ އެ ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިންނާ ސުވާލުކޮށް މައުލޫމާތު ސާފު ކުރަމުންނެވެ.

އަލް ޝިފާ ހޮސްޕިޓަލް ހުންނަ ކޮމްޕުލެކްސްގައި އިޒްރޭލުގެ ބުލްޑޯޒަރުތަކާއި ޓޭންކުތައް ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެތަނުގެ ތެރޭގައި ތިބި ފަލަސްތީނީންނާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ. އަދި އެ ސަރަހައްދުގައި މިހާރުވެސް ވަރަށް ބާރަށް ގޮވުމުގެ އަޑާއި ބަޑީގެ އަޑު އިވެމުންދާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

އިޒްރޭލުން ވަނީ ގާޒާގައި ވެރިކަން ކުރަމުންދާ، ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒެއް އަލް ޝިފާ ހޮސްޕިޓަލުގެ ބިން ގަރާހުގައި ހުންނަ ކަމަށް ބުނެ އެތައް ފަހަރެއްގެ މަތިން ކުރި ތުހުމަތުކޮށްފަ އެވެ. ނަމަވެސް ހަމާސްއިން ގެންދިޔައީ މިއަދާ ހަމައަށް ވެސް އެ ތުހުމަތުތައް ދޮގުކޮށް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން އެ ހޮސްޕިޓަލަށް ޒިޔާރަތްކޮށް މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލަމުންނެވެ.

އަލް ޝިފާ ހޮސްޕިޓަލަށް އިޒްރޭލުން ވަދެގަތީ އެ ގޮވާލުވަމަށް އދ ހިމެނޭހެން އެއްވެސް ޖަމާއަތަކުން އިޖާބަ ނުދީ ވަނިކޮށެވެ.

ހަނގުރާމައިގެ ހާލަތެއްގައި ވެސް ސިއްހީ ބޭނުންތަކުގެ ބޭރުން ހަނގުރާމައިގައި ބައިވެރިވެ، ދުޝްމަނުންނަށް ދެކޮޅަށް ހޮސްޕިޓަލުގެ ތެރޭގައި މަސައްކަތްތަކެއް ކުރާކަމަށް އެކަށީގެންވާ މިންވަރުގެ ހެއްކެއް ނެތި ސިއްހީ އާންމު ހިދުމަތްދެ ހޮސްޕިޓަލަކަށް ހަމަލާދީ ނުވަތަ އަސްކަރިއްޔާއަކުން ވަދެ ބަލައިފާސް ކުރުމަކީ ވެސް ޖެނީވާ ކޮންވެންޝަންސްގެ ދަށުން މަނާކަމެކެވެ.

އަދި ހެކި ހުރެގެން ވިޔަސް ހޮސްޕިޓަލަކަށް ވަންނަ، ނަމަ އިންޒާރު ދިނުމަށްފަހު އެކަށީގެންވާ މިންވަރުގެ ވަގުތެއް ކުރިއާލައި ދޭންޖެހޭނެ ކަމަށް ވެސް ޖެނީވާ ކޮންވެންޝަންސްގައި ބަޔާންކޮށްފައިވެ އެވެ. އެހެންނަމަވެސް މިވަގުތާ ހަމައަށް ވެސް އެ ހޮސްޕިޓަލުގެ އެއްވެސް ބައެއް، ހަމާސްއިން އަސްކަރީ ބޭނުމަށް ބޭނުންކުރާ ކަމުގެ ހެއްކެއް އިޒްރޭލުގެ އަސްކަރިއްޔާއަށް ދެއްކިފައެއް ނުވެ އެވެ.

އަލް ޝިފާ ހޮސްޕިޓަލަށް އިޒްރޭލުން ވަދެގަނެފައިވާއިރު، މީގެ ކުރިން ޔަހޫދީ އަސްކަރިއްޔާއިން ވަނީ ގާޒާގެ ބަޕްޓިސްޓު ހޮސްޕިޓަލަށް ވެސް ބޮން އަޅައި އެ ފުނޑުފުނދު ކޮށްލައިފަ އެވެ. އޭގެއިތުރުން ގާޒާއިން ތެޔޮ ހުސްވުމުގެ ސަބަބުން ގާޒާގައި ހުންނަ ގިނަ ހޮސްޕިޓަލްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިދިޔަ ހުކުރު ދުވަހާ ހަމައަށް 12500 އަށްވުރެ ގިނަ ފަލަސްތީނީން ޝަހީދުކޮށްލާފައިވެ އެވެ. މުވާސަލާތީ ހިދުމަތްތަކަށް ބުރޫއެރުމާއި މެދުކެނޑުމެއް ނެތި ގާޒާއަށް ބޮން އަޅަމުންދިއުމުގެ އިތުރުން ތެޔޮ ހުސްވުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ހުރި ގޮންޖެހުންތަކާހުރެ ހުކުރު ދުވަހަށް ފަހު ފަލަސްތީނުން ޝަހީދުވާ މީހުންގެ މައުލޫމާތު އަދާހަމަވުން ވަނީ ހުއްޓިފަ އެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުގައި އަޑު އުފުލަމުން ދާއިރު، ގިނަ ގައުމުތަކުން ވެސް ވަނީ އިޒްރޭލުގެ އިންސާނިއްޔަތާ ހިލާދު އަމަލުތައް ކުށްވެރި ކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ ބާރާއި އެހީތެރިކަމާ އެކު އިޒްރޭލުން ގެންދަނީ ހަނގުރާ ހުއްޓާނުލައި ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox