މިއަދު ހެދުނުން ފެށިގެން ރައްޔިތުން އެއްވެ ތިބީ، އެ ރައްޔިތުން ހޮވާފައިތިބި 87 މެންބަރުންގެ މަޖިލީހުން އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާ ކުރުމަށް އެކަށޭނަ މަސައްކަތެއް ނުކުރާތީ އެވެ. ގޮވާލަމުން ދިޔައީ މިހާރުން މިހާރަށް އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމަށެވެ.
މަޖިލީހުގެ ކުރިމަތީގައި ތިބި އާންމުންގެ އަޑާއެކު ބައެއް މެންބަރުން، އެއްވެ ތިބި މީހުންގެ ކައިރިއަށް އައިސް ވާހަކަދެއްކުމަށް މަސައްކަތް ކުރި އެވެ.
"މިކަން ނުކޮށް ވޯޓު ހޯދަން ނާންނާތި، އަހަރުމެން ކައިރިއަށް އަންނަން މާ ގިނަ ދުވަހެއް ނެތް" މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން މަޖިލީހުގެ ގޯތިން ނުކުތުމާއެކު އެއްވެ ހުރި މީހަކު ހަރު އަޑުން ގޮވާލި އެވެ.
އެ މެންބަރުންގެ ބަސްމަގު ހުރި ގޮތުން އެއްވެ ތިބި މީހުން އިތުރަށް ނުރުހުންވި އެވެ. އާންމުންނާއި އެ މެންބަރުންނާ އެއްވަރު ނުވާނެކަން ހަނދާކޮށްދެމުން އާންމުން ގޮވާލީ މަޖިލީހުގައި މިހާރު އޮތް ގަރާރު ފާސްކުރުމަށެވެ.

މަޖިލިސް ކައިރީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

"މިތިނަކަށް ނޫން، ފޮރިން މިނިސްޓްރީ ކައިިރިއަށް ނޫނީ ރައީސް އޮފީސް ކައިރިއަށް [ތިމީހުން] ދާންވީ" މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިހެން ވިދާޅުވުމާއެކު، މި މައްސަލަ ސިޔާސީ ނުކުރުމަށް ވެސް އެއްވެ ތިބި ފަރާތްތަކުން ގޮވާލި އެވެ. އަދި މިއީ އިންސާނީ ކަމެއް ކަމަށާއި މިކަން މަޖިލީހުގެ ތެރެއިން ވާން އޮތްކަން ހަނދާންކޮށްދިނެވެ.
އެއަށްފަހު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންވެސް ނުކުތެވެ. އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނުކުންނަވާ ގިނަ އިރުތަކެއް ވަންދެން މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދެއްކެވި އެވެ. މެންބަރުން "ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ" ކަމަށް ވިދާޅުވި ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނީ އެ މަންޒަރު ނުފެންނަ ކަމަށެވެ.
ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް އެ ބީދައިން ވާހަކަ ދެއްކެވި އެވެ. އަދި މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމްއާ ބައްދަލުކުރުމަށް މުޒާހަރާގެ ބައިވެރިންނަށް ދައުވަތު ދިނެވެ. މި ބައްދަލުވުމުގައި މުޒާހަރާގެ 12 ބައިވެރިއަކު މަޖިލީހުގެ ރައީސާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކުރި އެވެ.

މުޒާހަރާގެ ބައިވެރިން މަޖިލީހުގެ ރައީސް އާ ބައްދަލުކުރަން އިދާރާއަށް ވަންނަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
އެގޮތުން، ރާއްޖެއިން އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށާއި، ރާއްޖޭގައި ތިބެގެން އިޒްރޭލަށް ވާގިވެރިވުން މަނާކުރުމުގެ އިތުރުން، އިޒްރޭލުގެ ގަތުލުއާންމު ކުށްވެރިކުރުމަށް މިހާރަށްވުރެ ހަރުކަށި އިބާރާތް ބޭނުންކުރުމަށް އަދި ބާރުވެރި ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕްރެޝަރު ކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.
ޖަވާބުގައި އަސްލަމް ވިދާޅުވީ، މަޖިލީހުން ކުރެވެން ހުރި މަސައްކަތްތައް އަވަސް ކުރައްވާނެ ކަމަށެވެ. ނަމަވެސް, ހުށަހެޅިފައިވާ ސަޕްލިމެންޓަރީ ބަޖެޓާއި ހުކުރު ދުވަހު ބާއްވާ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަމާ ހުރެ މަޖިލީހުގެ މަސައްކަތްތައް ބުރަވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
މުޒާހަރާގެ ބައިވެރިން އަދިވެސް ތިބީ މަޖިލީސް ދޮށުގަ އެވެ. ގޮވާލަމުންދަނީ ސިޔާސީ ބޭނުމަށް މަޖިލިސް ކުރިއަށް ގެންދާ ސްޕީޑުގައި މި މައްސަލަވެސް ކުރިއަށް ގެންދިއުމަށެވެ.












