2024 ވަނަ އަހަރުގެ ބަޖެޓު ދިރާސާ ކުރުމުުގެ މަސައްކަތް ކޮމިޓީން މިއަދު ފަށަން ތާވަލުކޮށްފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މިއަދު މަޖިލިސް ތަޅުމަށް ހުށަހެޅުމާއެކު, މަޖިލީހުން ވަނީ މިއަދު މެންދުރު 12:00 އަށް ބަޖެޓު ދިރާސާ ކުރާ ކޮމިޓީީގެ ފުރަތަމަ ބައްދަލުވުން ތާވަލުކޮށްފަ އެވެ.
ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރާނެ ކަމަކީ އެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވުމެވެ. ކޮމިޓީގެ ހިންގާ ގަވައިދު ފާސް ކުރުމާއެކު, ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާމެދު މަޝްވަރާ ކުރުން ވެސް އެ ކޮމިޓީއަށް އެޖެންޑާ ކޮށްފައިވެ އެވެ.
ހުލާސާކޮށް ބަޖެޓު
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ދަރަންޏާއި ލޯނު އަދާކުރަން ދައްކާ ފައިސާ އުނިކުރުމަށް ފަހު، ބަޖެޓުގެ ޖުމުލަ ހަރަދަކީ 47.3 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ރިކަރަންޓު ހަރަދަށް 34.8 ބިލިއަން ރުފިޔާ ހޭދަވާއިރު، ޕީއެސްއައިޕީ އަށް 8.6 ބިލިއަން ރުފިޔާ އަދި އެހެނިހެން ކެޕިޓަލް ހަރަދަށް 6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.

މައިގަނޑު ހަރަދުތައް:
- ސިއްހީ ދާއިރާ: 7.4 ބިލިއަން ރުފިޔާ
- ތައުލީމީ ދާއިރާ: 5.3 ބިލިއަން ރުފިޔާ
- އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް: 8.9 ބިލިއަން ރުފިޔާ
- ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް: 4.5 ބިލިއަން ރުފިޔާ
- އިޖުތިމާއީ ރައްކާތެރިކަން: 3.5 ބިލިއަން ރުފިޔާ
- ތިމާވެށި ރައްކާތެރި ކުރަން: 1.8 ބިލިއަން ރުފިޔާ
- ދިފާއީ، އަދުލް އިންސާފު އަދި އަމަން ގާއިމުކުރަން: 5.6 ބިލިއަން ރުފިޔާ
އަންނަ އަހަރު ވެސް ކުރާ ހަރަދު ފޫބެއްދޭނެ އާމްދަނީއެއް ނުލިބެ އެވެ.
ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި އަންނަ އަހަރު ޖުމުލަ 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، 25.6 ބިލިއަން ރުފިޔާއަކީ ޓެކުހުގެ އާމްދަނީ އެވެ. އެހެނިހެން އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލާއިރު، ހިލޭ އެހީގައި ލިބޭނެ ކަމަށް ފޮތުގައި ލިޔެފައި އޮތީ 1.3 ބިލިއަން ރުފިޔާ އެވެ.












