މިއަހަރުގެ ބާކީ ބަޔަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް މާދަމާ ކުރިއަށް ގެންދަން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މާދަމާ ނިންމައި ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)އެވެ.
މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވީ ސަޕްލިމަންޓަރީ ބަޖެޓުގެ ބަހުސް މާދަމާ އެކަނި ކުރިއަށް ގެންދިޔުމަށާއި ކޮމެޓީގައި ސަޕްލިމަންޓަރީ ބަޖެޓުގެ މަސައްކަތަށް ދެ ދުވަސް ހޭދަކުރުމަށެވެ. ބަޖެޓުގެ މަހުސް މަރުހަލާގައި ކޮންމެ މެމްބަރަކަށް ދެ މިނެޓު ދިނުމަށާއި ބަޖެޓުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމަށް ފުރުސަތަށް އެދޭ ކޮންމެ މެމްބަރަކަށް ދެ މިނެޓު ދިނުމަށްވެސް ހުށަހަޅުއްވާފައިވެއެވެ.
މިހުށަހެޅުން މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ މަސައްކަތް އެކަންޏެވެ.













