ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހައްޔަރުކުރި އިންޑިއާގެ މަސްވެރިންގެ ތެރެއިން އަށް މީހަކު ފޮނުވާލައިފި އެވެ.
އޮކްޓޯބަރު 23، 2023 ގައި އެމްއެންޑީއެފުން ހައްޔަރުކުރީ ޓެމިލް ނާޑޫއަށް ނިސްބަތްވާ 12 މަސްވެރިއެކެވެ. އޭގެ ތެރެއިން އަށް މީހަކު އިންޑިއާއަށް ފޮނުވާލީ އިއްޔެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަނބުރާ ގައުމަށް ފޮނުވާލީ ވަގުތުން ދާން ބޭނުންވި މީހުން ކަމަށެވެ.
ބަންދުގައި މިހާރު ތިބި މަސްވެރިންގެ މައްސަލަ ހައްލުކުރަން ދިވެހި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހައި ކޮމިޝަނުން ބުނެފައިވެ އެވެ.
އަށް މަސްވެރިޔަކު އަނބުރާ ފޮނުވައިލީ އެ މަސްވެރިން ދޫކޮށްލުމަށް މަސައްކަތް ކުރަން އިންޑިއާގެ މައި ސަރުކާރަށް، ޓެމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ގޮވާލާފައި ވަނިކޮށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެ މީހުން ހައްޔަރު ކުރިޔަސް، ސްޓާލިން ބުނެފައިވަނީ އެ މަސްވެރިން މަސްވެރިކަން ކުރަމުން ދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުވަންނަ ކަމަށެވެ.
ހައްޔަރު ކުރިން އެ މަސްވެރިން 420،000 ދިވެހި ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ސްޓާލިން ބުނެފައިވެ އެވެ.












