ގާޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލުގެ އޮޕަރޭޝަން ކުރާ އިމާރާތައް އިޒްރޭލުން ހަމަލާދީފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ ހަމަލާގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. އިޒްރޭލުން ބުނާ ގޮތުން ޝިފާ ހޮސްޕިޓަލުގެ ބިމު އަޑީގައި ހަމާސްއިން ދަނީ އެމީހުންގެ މައި މަރުކަޒު ހިންގަމުންނެވެ.
އެ ބުނުމަށް އެއްވެސް ހެއްކެއް އިޒްރޭލަށް ދެއްކިފައި ނުވާއިރު، ހަމާސްއިން ދަނީ އެކަން ދޮގުކުރަމުންނެވެ. އަދި މިއީ އާންމުންނަށް އަމާޒުކޮށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއްގެ ނިވާފަތްގަނޑެއްގެ ގޮތުން ދައްކާ ވާހަކައެއް ކަމަށްވެސް ހަމާސްއިން ބުނެ އެވެ.
ނަމަވެސް، އިޒްރޭލުން ދަނީ ކެނޑިނޭޅި ވައިގެ މަގުން އެ ހޮސްޕިޓަލާއި ވަށައިގެންވާ ސަރަހައްދަށް ހަމަލާދެމުންނެވެ. އަދި، އެއްގަމު މަގުން އުތުރު ގާޒާއަށް ވަދެގަނެފައިވާ އިޒްރޭލުގެ ސިފައިންނާއި ޓޭންކުތަކުންވެސް އެ ހޮސްޕިޓަލަށް މިހާރު ހަމަލާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ގަތަރުގެ އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެ އެވެ.
ވައިގެ މަގުންދޭ ހަމަލާތަކާއި ޓޭންކުތަކުގެ އިތުރުން، ޝިފާ ހޮސްޕިޓަލު ވަށައިގެން ހުރި އިމާރާތްތަކުގައި މަތީގައި އިޒްރޭލުގެ ސްނައިޕަރުން ހަރަކާތްތެރިވަމުންދާ ކަމަށާއި ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހަރަކާތްތެރިވާ ކޮންމެ މީހަކަށްހެން އެމީހުން ހަމަލާދެމުންދާ ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ޖަނަރޭޓަރު ތަކުން ތެޔޮ ހުސްވެ އެ ހޮސްޕިޓަލުން މިހާރު ވަނީ އެކީހެން ކަރަންޓު ކެނޑިފަ އެވެ.

"މިއީ މިއޮތް ހުރިހާ ދުވަހު އަހަރުމެން އަންނާނެކަމަށް ބުނި ހާލަތު، މިތަނުން މިވަނީ އެކީހެން ކަރަންޓު ގޮސްފައި، ކަރަންޓު ނުލިބެއްޖެނަމަ އިންކިއުބޭޓަރުގައި ތިބި 39 ކުޑަކުދިން ސަލާމަތެއް ނުކުރެވޭނެ"
އެ ހޮސްޕިޓަލުގައި ހިމާޔަތް ހޯދައިގެން ތިބި ބައެއް އާއިލާތަކުން އެހެން ތަނަކަށް ދިއުމަށް މަސައްކަތް ކުރުމުންވެސް އެމީހުން ގަޔަށް ބަޑިޖަހާފައިވާ ކަމަށާއި އެ މީހުން ހޮސްޕިޓަލުގެ ގޯތި ތެރޭގައި ތިބި ނަމަވެސް އެ ހިސާބަށް ދެވޭގޮތް ނުވާ ކަމަށް ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވެފައި ވެ އެވެ.
މިދިޔަ މަހުގެ ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާތަކެއްދީ ބަޔަކު މަރާލުމުގެ ބަދަލުގައި ކަމަށް ބުނެ އިޒްރޭލުން ވަނީ ވޭތުވެދިޔަ 36 ދުވަހު ގާޒާއަށް ކެނޑިނޭޅި ބޮން އަޅާފަ އެވެ. އަދި މި މަހުގެ ފުރަތަމަ ހަފުތާގައި އިޒްރޭލުގެ ސިފައިން ވަނީ އެއްގަމު މަގުން އުތުރު ގާޒާއަށް ވަދެފަ އެވެ.
މި ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 11،500 އަށްވުރެ މަތީގައި ވާއިރު އޭގެ ތެރޭގައި 5،000 އެއްހާ ކުޑަކުދިން ހިމެނެ އެވެ.
ހަމަލާތަކުގެ އިތުރުން އިޒްރޭލުން ވަނީ ގާޒާއިން ކަރަންޓާއި ފެން ކަނޑާލާ ތެލާއި އެހެނިހެން އެހީތައް ވެއްދޭނެ މަގުތައްވެސް ބަންދުކޮށްފަ އެވެ.













