އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމާ ދެކޮޅަށް ޖިހާދުކުރުމަށް ދިވެހިންތަކެއް ދިޔަކަމަށް ބުނާ މައްސަލަ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން ބަލަން ފަށައިފި އެވެ.
އަހުމަދު ފިރާޒް ނަމަކަށް ކިޔާ މީހެއްގެ ފޭސްބުކް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ތިން ދިވެއްސަކު ވަނީ ހަނގުރާމައަށް ފަލަސްތީނަށް ދިއުމަށްޓަކައި އުރުދުންއަށް އެތެރެވެފަ އެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު "އަދަދު" އަށް ވިދާޅުވީ، މި މައްސަލަ އެ ސެންޓަރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ފޭސްބުކު ޕޯސްޓު ކުރި އައިޑީ ވެރިފައިކޮށް، މައްސަލަ ބަލަން ފަށާފައިވާކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މައްސަލަ ބަލަމުން މި ގެންދަނީ. އަދި އަޅުގަނޑުމެންނަކަށް އެއީ ވީ ކަމެއް ކަމަށް ނުވަތަ ނުވާކަމެއް ކަމަށް ދަންނަވަން ދަތި،" ޒަކަރިއްޔާ ވިދާޅުވި އެވެ.
ޒަކަރިއްޔާ ވިދާޅުވީ އެއްވެސް ދިވެއްސަކު ފަލަސްތީނު ހަނގުރާމައަށް ދިޔަ މައްސަލައެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށާއި، މިއީ އެފަދަ ފުރަތަމަ މައްސަލަ ކަމަށެވެ.

ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓު ޝެއާކޮށް، އެކަމަށް ހިތްވަރުދީ ގިނަ ބަޔަކު ވަނީ ވާހަކަ ދައްކާފަ އެވެ.
ޓެރެރިޒަމް މަނާކުރުމުގެ ގާނޫގައި ބުނާ ގޮތުން ބޭރުގެ ހަނގުރާމަތަކަށް ދިއުމާއި، އެފަދަކަމެއް ހިނގާ ސަރަހައްދަކަށް ދިއުމަކީ މަނާކަމެކެވެ. އެހީ ފޯރުކޮށްދިނުން ފަދަ މަގުސަދެއްގައި ވެސް އެފަދަ ސަރަހައްދަކަށް ނުވަތަ ގައުމަކަށް ދާނަމަ، ހާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ.
ހަނގުރާމަވެރި ސަރަހައްދަކަށް ނުވަތަ ގައުމަކަށް ދެވިދާނެކަމަށް ގާނޫނުގައި ބުނާ ހާލަތްތައް:
- ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް؛
- ކޯޓު އަމުރެއް ތަންފީޒު ކުރުމަށް؛
- އެހެން ގައުމެއްގެ ސަރުކާރަކުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް؛
- އ.ދ ނުވަތަ އ.ދ ގެ އޭޖެންސީއަކުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް؛
- ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތެއްކުރުމަށް؛
- އަމިއްލަ ޖަމްގިއްޔާއަކުން ނުވަތަ ޖަމާގަތަކުން ސަރުކާރުން ހުއްދަދޭ ހާއްސަ މަސައްކަތެއް ކުރުމަށް؛
- ސަރުކާރުން ހުއްދަދޭ އެނޫންވެސް ކަމެއް ކުރުމަށް.
ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު މީގެ ކުރިން ގޮސްފައި ވެއެވެ. އެގޮތުން 173 މީހުން ދިޔަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޑިސެމްބަރު، 2019، ގައި ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގާ އޭގެ ތެރެއިން މިހާރު ސީރިޔާގައި ތިބީ 59 މީހުންނެވެ. އަދި އޭގެ ތެރެއިން 91 ޕަސެންޓު މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހަމީދު އޭރު ވިދާޅުވެފައިވެ އެވެ.













