އިޒްރޭލުން ފަލަސްތީނުގައި ވޭތުވެދިޔަ 75 އަހަރު ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކޮށް، ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގާޒާއަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން މާލީ އެހީ ފޮނުވުމުގެ ބަދަލުގައި ހަމަލާތައް ހުއްޓާލުމަށް އެދޭ ކަމަށް ގާޒާގެ ރައްޔިތުން ބުނަން ފަށައިފި އެވެ.
އެހީ އެތެރެކުރުމަށް ހުރި ހުރަސްތަކާއި، އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ވަރުގަދަ ކަމާއެކު، ގާޒާގައި ދިރިއުޅެމުންދާ ނޫސްވެރިންނާއި އާންމުން ދަނީ، މިވަގުތަށް 'ފަންޑް ރެއިޒް' ކުރުން ނުވަތަ އެހީ ފޮނުވުން މަޑުޖައްސާލުމަށް ގޮވާލަން ފަށާފަ އެވެ.
އަދި، އޭގެ ބަދަލުގައި ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަޑުއުފުލުމަށް އެ ފަރާތްތަކުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި އެދެން ފަށާފަ އެވެ. މިވަގުތު އޮތް ހަމައެކަނި ހައްލަކީ ހަމަލާތައް ހުއްޓާލުން ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އަދި، މި ހަމަލާތަކުން ދިރިތިބެ ސަލާމަތްވާނެކަން ނޭނގޭ ހާލަތުގައި ގާޒާއަށް އެހީތެރިވުމަށް ކަމަށް ބުނެ ފައިސާ އެއް ނުކުުރުމަށްވެސް އެ ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.
ގާޒާއިން ކަރަންޓާއި ފެން ކަނޑާލާ އިންސާނީ އެހީ ލިބޭނެ މަގުތައް ބަންދުކުރިތާ މިއަދަށް 26 ދުވަސް ވާއިރު އެކި ގައުމުތަކާ ޖަމާއަތްތަކުން ގާޒާއަށް ފޮނުވި އެހީގެ އުޅަނދުތައް ވަނީ މިސްރާއި ދެމެދު އޮންނަ ރަފާހު ބޯޑަރުގައި ބަންދުވެފަ އެވެ. ތޮއްޖެހިފަ އެވެ. ރަފާހު ހުރަސްކޮށް ގާޒާއަށް ދަތުރުކުރާ އެހީގެ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށްވެސް އިޒްރޭލުން ވަނީ އިންޒާރުދީފަ އެވެ.

ވޭތުވެދިޔަ މަހެއްހާ ދުވަސްތެރޭގައި ގާޒާއަށް ވަދެވުނު އެހީގެ އުޅަނދުތަކުގެ އަދަދު 200 އަށް ނާރަ އެވެ. މި ހަމަލާތަކުގެ ކުރިން ދުވާލަކު 100 އެއްހާ އެހީގެ އުޅަނދު ވަދެ އެވެ. އިޒްރޭލުން ގާޒާ ހިސާރުކޮށްފައި އޮންނަތާ ވޭތުމިވީ 15 އަހަރުވެސް އެ އަދަދަށް އެހީ ދިޔައީ ލިބެމުންނެވެ.
އެއާއެކު ގާޒާއިން މިވަގުތު ކަރަންޓާއި ފެނުގެ ހިދުމަތެއް ނުލިބެ އެވެ. ކާބޯތަކެއްޗާއި މުވާސަލާތީ ހިދުމަތްތައްވެސް ލިބޭ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް ދައްވަމުންނެވެ. ގާޒާގައި ހުންނަ ގިނަ ހޮސްޕިޓަލުތަކަށް ކަރަންޓު ދެމުން އައި ޖަނަރޭޓަރުތަކުން ތެޔޮ ހުސްވެ އެ ތަންތަނުގެ ހިދުމަތްތައްވެސް ވަނީ ހުއްޓާލާފަ އެވެ.
ހަމަލާތައް ދޭން ފެށިތާ މަހެއް ވާން ކައިރިވާއިރު އިޒްރޭލުން ގާޒާ އަދި ހުޅަނގު އައްސޭރީގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 9500 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 1400 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.












