ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތް 32،426 އެމެރިކާ ޑޮލަރު (498،712 ދިވެހި ރުފިޔާ) ނުދައްކާ އޮތުމުން އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ދައުވާގެ ބޮޑު ބަޔަކަށް އެފްއޭއެމުން އެއްބަސްވެފައިވެފައި ވުމާއި، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ލިޔެކިޔުމުން އެއީ ދައްކަން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށެވެ.
އެފްއޭއެމުން ޝަރީއަތުގައި އެދިފައިވަނީ އެ އިދާރާގެ މާލީ ހާލަތު ދަށް ކަމަށް ބުނެ، އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޖެހޭ ގޮތަށް އަމުރުކޮށްދިނުމަށެވެ. ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ގޮތަށް އަމުރުކޮށްދީފަ އެވެ.
އޭގެ އިތުރުން ވެސް އެފްއޭއެމުން އެކި ފަރާތްތަކަށް ފައިސާ ނުދައްކައި ހުރި އެހެން މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ. 2021 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް އެފްއޭއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި 18 ދައުވާއެއް އޮތް ކަން އެނގިފައިވެ އެވެ.
އެފްއޭއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ އިދާރާތަކާއި ކުންފުނިތަކުގެ ތެރޭގައި އޭޑިކޭ ހޮސްޕިޓަލާއި، އޭޑީކޭ ޓްރޭޑްއާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި، އެޕޯލޯ ހޯލްޑިންސްއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނާއި، އެލް މޯލްޑިވްސްއާއި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާއި، ވެލިގާ ހާޑުވެއާއާއި، އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ހިމެނެ އެވެ.












