އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާއްމުގެ ތެރެއިން، އިޒްރޭލު ސިފައިން މިހާރު ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައި ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ ނޫސްވެރިން އަދި ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލު ސިފައިން ޝަހީދުކޮށްލާފައިވަނީ އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކާއި 70 އަހަރުގެ އުމުރުން ދުވަސްވީ މީހެކެވެ.
އޭގެ ތެރެއިން މުހައްމަދު އަބްދުލް ގާދިރު އަލް ކަރާޒް، 14، އަށް އިޒްރޭލު ސިފައިން ހަމަލާދިނީ ހުޅަނގު އައްސޭރީގެ ނާބުލްސް ގެ ޒަވާޓާ އަވަށް ކައިރިންނެވެ. އޭނާ ޝަހީދުވީ ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެ އެވެ.
ފަލަސްތީނު ހެލްތު މިނިސްޓްރީން ބުނީ މިއަދު ޝަހީދުވި، ރަހީ ސަފްތާ، 70، އަށް ހަމަލާދިނީ ތުބާސް ގަ އެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ނުވަ މީހަކު ޒަހަމްވެ ފަރުވާދެމުންދާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ވަނީ ބުނެފަ އެވެ.
މި ދެ މީހުންނާއެކު، މި މަހު ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގައި ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ އަދަދު ވަނީ 124 އަށް އަރާފަ އެވެ.

އެ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 8،000 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.
އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު އަދި ތެޔޮ ލިބޭނެ މަގުތައް ބަންދުކޮށްފަ އެވެ. ގާޒާގެ މުވާސަލާތީ ގުޅުންތައްވެސް 24 ގަޑިއިރަށް އިޒްރޭލުން ކަނޑާލި އެވެ. އިޒްރޭލިގެ ސިފައިން މިހާރު ދަނީ އުތުރު ގާޒާއަށް ބިމުގެ މަގުން އަރައިގަތުމަށް މަސައްކަތް ކުރަމުންނެވެ.
ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާތަކުންނާއި ގައުމުތަކުން ގާޒާއަށް ފޮނުވި އެހީ ރަފާހު ބޯޑަރުގައި ތޮއްޖެހިފައި ވީ ނަމަވެސް އިޒްރޭލުން އެ އެހީގެ އުޅަނދުތައް ވެއްދުމަށް ވަނީ ދެކޮޅުހަދާފަ އެވެ. މި މަހުގެ ހަތަކުން ފެށިގެން މިއަދާ ހަމައަށް ގާޒާއަށް ވަދެފައިވަނީ 100 އެއްހާ އެހީގެ އުޅަނދެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުން ފަލަސްތީނުގެ 8000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުގެ 1400 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.













