އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ ގަތުލުއާއްމުގެ ސަބަބުން ޒަހަމްވި އާއިލާ ތަކާއި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން 24 މިލިއަން ރުފިޔާ އެހީގެ ގޮތުގައި އިންޓަނޭޝަނަލް އެއިޑު ކެމްޕޭން (އޭއައިސީ) އިން ހިންގާ 'ގާޒާ އެމަޖެންސީ ރިލީފް 2023' ފަންޑަށް ހަދިޔާކޮށްފި އެވެ.
އައިއޭސީ އިން އިއްޔެ ބުނި ގޮތުގައި އެ ވަގުތާ ހަމައަށް އެ ޖަމްއިއްޔާގެ ދިވެހި ރުފިޔާ އެކައުންޓަށް ޖުމްލަ 23،987،108 ރުފިޔާ ވަނީ އެކި ފަރާތްތަކުން ހަދިޔާކޮށްފަ އެވެ. އައިއޭސީގެ ޑޮލަރު އެކައުންޓަށް ދިވެހިން ވަނީ ގާޒާއަށް ޖުމްލަ 13،023 ޑޮލަރު ހަދިޔާކޮށްފަ އެވެ.
އެ ޖަމްއިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިން އަބަދުވެސް ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އޭއައިސީއިން ދަނީ މިހާރުވެސް ގާޒާގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އަދި ފަލަސްތީނުގެ ބައެއް ޖަމްއިއްޔާތަކާ ގުޅިގެން އާންމުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާތަކުންނާއި ގައުމުތަކުން ގާޒާއަށް ފޮނުވި އެހީ ރަފާހު ބޯޑަރުގައި ތޮއްޖެހިފައި ވީ ނަމަވެސް އިޒްރޭލުން އެ އެހީގެ އުޅަނދުތައް ވެއްދުމަށް ވަނީ ދެކޮޅުހަދާފަ އެވެ. މި މަހުގެ ހަތަކުން ފެށިގެން މިއަދާ ހަމައަށް ގާޒާއަށް ވަދެފައިވަނީ 100 އެއްހާ އެހީގެ އުޅަނދެވެ.
މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު އަދި ތެޔޮ ލިބޭނެ މަގުތައް ބަންދުކޮށްފަ އެވެ.

'ހަނގުރާމައިގެ' ދެ ވަނަ ފިޔަވަހީގެ ދަށުން ކަމަށް ބުނެ އިޒްރޭލުން މިހާރު ވަނީ އެއްގަމު މަގުން ދެކުނު ގާޒާއަށް ވަދެގަނެފަ އެވެ. އަދި، އިއްޔެ ރެއިން ފެށިގެން މިއަދުގެ ހެދުނާ ހަމައަށް ގާޒާއިން މުވާސަލާތީ ހިދުމަތްތައްވެސް ވަނީ ކަނޑާލާފަ އެވެ.
މި ފަހަރުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 3،000 އެއްހާ ކުޑަކުދިން ހިމެނެ އެވެ. ހަމާސް އިން ދިން ހަމަލާތަކުގައި އިޒްރޭލުން 300 އަށްވުރެ ގިނަ ސިފައިން ހިމެނޭހެން 1400 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.
ހަމާސްގެ އިތުރުން އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ ބައެއް ގްރޫޕުތަކުންވެސް ވަނީ އިޒްރޭލަށް ހަމަލާދީފަ އެވެ.
އެގޮތުން އިޒްރޭލަށް އެންމެ ފާޅުގައި ހަމަލާދީފައިވަނީ ލުބުނާނުގެ ހިޒްބުﷲ އިންނެވެ. އޭގެ އިތުރުން ސީރިއާ އަދި ޔަމަނުގައި ހަރަކާތްތެރިވާ އީރާނުން ފަންޑުކުރާ ކަމަށް ހުޅަނގުން ބުނާ ގްރޫޕުތަކުން ވަނީ އިޒްރޭލަށް އަދި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާދީފަ އެވެ.













