އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާ ކުށްވެރިކޮށް، ފިޔަވަޅު އެޅުމުގެ ގޮތުން، އިޒްރޭލުން މުދާ އެތެރެކުރުން މަނާކުރުމާއި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް މިއަދު ފަށައިފި އެވެ.
އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ މެދުކެނޑުމެއްނެތި ގާޒާއަށް ހަމަލާ ދެމުންނެވެ. ފަލަސްތީނު ދަރިކޮޅުގެ ރައްޔިތުން ނައްތާލުމުގެ އަމާޒުގައި އިޒްރޭލުން ދެމުންދާ މި ހަމަލާތަކުގައި ގާޒާއިން އެކަނި 5,800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ ދަނީ ސުންނާފަތި ކުރަމުންނެވެ.
އެކަންކަމާ ދެކޮޅަށް އަޑުއުފުލުމަށް މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.
އެ ގަރާރުގައި ބުނެފައި ވަނީ އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލްގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އިފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށެވެ.
އިޒްރޭލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކަކުން އެ މީހުން ފައިބައި، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެން ދެން އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ވެސް ސައުދުގެ ގަރާރުގައި ބުނެފައިވެ އެވެ.

ފަލަސްތީނާއެކު ދިވެހިން ތިބިކަން ދެއްކުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. ބައިނަލްއަގްވާމީ މަޝްރަހުގައި ވެސް ފަލަސްތީނުގެ ހައްގުގައި އެންމެ ބޮޑަށް އަޑުއުފުލަމުންދާ އެއް ގައުމަކީ ރާއްޖެ އެވެ.












