އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް ސްޓެލްކޯ އިން 500،000 ރުފިޔާގެ އެހީއެއް ދީފި އެވެ.
"އަހަރެމެން ފަލަސްތީނާ އެކު ފަންޑަށް" މި ނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ފަންޑްރެއިޒާ އަށް ސްޓެލްކޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ހަދިޔާކުރި ފައިސާ ހަވާލުކުރީ ރާއްޖޭގެ އެހީތައް ފަލަސްތީނަށް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާ އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުގެ ޗެއާމަން އަހުމަދު އިގްބާލް އަށް ފައިސާގެ ޗެކް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އެވެ.
ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ހަމަ އެކަނި މިދިޔަ 24 ގަޑި އިރުގެ ތެރޭގައި އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި 400 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެއާ އެކު އިޒްރޭލުން މިފަހަރު ކުރިއަށް ގެންދާ އުދުވާނުގައި ޝަހީދުވި މީހުންގެ ޖުމްލަ 46،00 އަށް ވުރެ މަތިވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ރާއްޖޭގައި އާއްމުންނާއި ކުންފުނިތަކާއި ޖަމިއްތާތަކުން އަންނަނީ ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމަށް ހަރަކާތްތައް ބާއްވައި، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުންނެވެ.

ސްޓެލްކޯ އިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއިންގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކުންފުނީގެ އޮފީހުގައި ވެސް ފަންޑުފޮއްޓެއް ބަހައްޓާފައިވާ ކަމަށެވެ.











