ކޯރަމް ހަމަނުވުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލުން ކޮންމެ ހަފުތާއަކު ބާއްވަމުން ދިޔަ ރަސްމީ އާއްމު ބައްދަލުވުން މިދިޔަ ހަފުތާ ނުބޭއްވުނުކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ބައްދަލުވުން ނުބޭއްވުނުކަން ސިޓީ ކައުންސިލްގެ މީޑިއާ ޓީމުން "އަދަދު" އަށް ކަށަވަރުކޮށްދީފައިވާއިރު، ކައުންސިލުން އެންމެ ފަހުން ބޭއްވި ބައްދަލުވުން ބޭއްވީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ.
އެއީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި، މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނެވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ފަހު ޖަލްސާ އެވެ. މި މަހު 17 ގައި އެމަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވުމުން މޭޔަރު ކަމުގެ މަގާމު ހުސްވާނެ އެވެ.
"މިދިޔަ ހަފުތާގެ ބައްދަލުވުން ނުބޭއްވުނީ ކޯރަމް ހަމަނުވެގެން، މި ހަފުތާވެސް އޮންނާނެ ބައްދަލުވުން، އެޖެންޑާ ކޮށްފަ ވަނީ"
ނަމަވެސް، ކައުންސިލަރުން އެ ބައްދަލުވުމަށް ހާޒިރުނުވި ސަބަބެއް ސިޓީ ކައުންސިލުން ބުނެފައެއް ނުވެ އެވެ.
ސިޓީ ކައުންސިލްގެ ޖަލްސާއަށް ކޯރަމް ހަމަނުވިއިރު، އަލަށް އިންތިހާބުވި ސަރުކާރުގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލްގެ ގިނަ މެންބަރުން އަންނަނީ ޓްރާންސިޝަނަލް ކޮމިޓީތަކުގައި ހަރަކާތްތެރިވަމުންނެވެ. ވޭތުވެދިޔަ ދެތިން ހަފުތާގައި އިންތިގާލީ ކޮމިޓީތަކުން ވަނީ މި ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކާ ބައްދަލުކޮށް ބާރުތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.














