ގއ. ކޮލަމާފުށި "ރާސްތާ" ދޯނީގެ އެއް ދުވަހުގެ އާމްދަނީ ފަލަސްތީނަށް ހަދިޔާކޮށްފި އެވެ.
އެ ދޯނިން ފަލަސްތީނަށް ހަދިޔާ ކުރީ 127،433ރ. އެވެ. އެއީ ދޯނިން އިއްޔެ ބޭނި ހަތް ޓަނު މަހަށް ވާ ފައިސާ އެވެ.
ރާސްތާ ދޯނީގެ ފަރާތުން ކޮލަމާފުށި ކައުންސިލާއި ވަނީ މި ހިލޭ އެހީ ހަވާލުކޮށްފަ އެވެ. ކައުންސިލުގެ ފަރާތުން ފައިސާ އާ ހަވާލުވީ ކައުންސިލް ރައީސް އިބްރާހިމް ވަހީދެވެ. އަދި ރާސްތާ ދޯނީގެ ފަރާތުން މި ފައިސާ ހަވާލުކުރީ ދޯނީގެ ކެޔޮޅު ރަޒީން ހުސެން އާއި ހުރިހާ ފަޅުވެރިންނެވެ.
ފަލަސްތީނަށްް ގަދަކަމުން ވެރިވެގެންފައިވާ އިސްރޭލުގެ ސިފައިންނާ ދެކޮޅަށް ހަމާސް ޖަމާއަތުން ކުރަމުންގެންދާ ހަނގުރާމައިގައި އެގައުމުން މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ފަލަސްތީނު ރައްޔިތުންނަށް ދުނިޔޭގެ އެކި ހިސާބުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އެގައުމުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި ވެސް ގިނަ ހަރަކާތްތަކެއް ވަނީ ފަށާފަ އެވެ.

އެގޮތުން ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އާންމު ހިދުމަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑު ފޮށިތައް ވެސް ވަނީ ހުޅުވައިފަ އެވެ.













