ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވާ ސަހްޔޫނީ ޔަހޫދީންގެ ކިބައިން ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން އެގައުމުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއިން އިންސާނީ އެހެނިހެން އެހީތައް ފޯރުކޮށްދޭނެ ކޮރިޑޯއެއް ހުޅުވަން ރާއްޖެއިން ގޮވާލައިފި އެވެ.
މިއަދު ބޭއްވި އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީގައި ދިވެހި ސަރުކާރުގެ ފަރާތުން ތަގުރީރުކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް އަހުމަދު ހަލީލް އެވެ. ހަލީލް ވިދާޅުވީ، ކުޑަކުދިންނާއި މައުސޫމު ރައްޔިތުންނަށް އަމާޒުކޮށް އިޒުރޭލުން ހުއްޓުމެއް ނެތި ދެމުން ގެންދާ ހަމަލާތައް ކުއްވެރިކުރައްވާ ކަމަށެވެ.
މިހާރުން މިހާރަށް ގައްޒާގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި އަދި އެނޫންވެސް އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުމަށް ބާރުއެޅުމަށް ހަލީލް ގޮވާލެއްވި އެވެ.
އިޒްރޭލުގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހާ ގާނޫނުތަކާ ހިލާފަށް ހިންގާ ޖަރީމާއެއް ކަމަށް ހަލީލް ވިދާޅުވި އެވެ. ލާއިސްސާނީ އަމަލުތަކުގެ ސަބަބުން މެދު އިރުމަތީ ސަރައްހަދުގެ ސުލްހައާއި ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެކަމުގެ ބިރު އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ވެސް ފާހަގަކުރެއްވި އެވެ.
"އޯއައިސީ އުފެއްދި މައިގަނޑު މަގްސަދަކީ ފަލަސްތީނާ އެއްކޮޅަށް ވަކާލާތުކުރުންކަމުން މި ދަނޑިވަޅުގައި އޯއައިސީ މަގުސަދު ފުރިހަމައަށް ހާސިލު ކުރުމަށް މަސައްކަތްކުރުމުގެ މުހިންމު" ހަލީލް ވިދާޅުވި އެވެ.

ރާއްޖެއާ ފަލަސްތީނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލައްވައި ހަލީލްވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ކަންތައްތަކާމެދު ދިވެހިން ހިތާމަކުރަމުންދާ ކަމަށެވެ.
ދުނިޔޭގެ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިމަށް ސަހްޔޫނީ ޔަހޫދީން ވެރިވެގަނެ ހިންގަމުން ގެންދާ ޒަމާންވީ ލާއިންސާނީ ޖަރީމާއާ ދެކޮޅަށް އަޑުއުފުލުމުގެ ރޫހު މުޅި ދުނިޔޭގައި އަނެއްކާވެސް އައުވެފައި މިވަނީ ތޫފާނުލް އަގުސާގެ ނަމުގައި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުން ފެށި ކުއްލި އޮޕަރޭޝަނާ ގުޅިގެން އެ ގައުމުގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުންނެވެ.
އިޒްލޭން ހިސޯރުކޮށްފައި އޮންނަތާ 17 އަހަރު ވެފައިވާ ޣައްޒާ ބަލަހައްޓާ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ކަމަށް ބުނެ އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުގައި ފަލަސްތީނުގެ 3،000 އަށް ވުރެ ގިނަ މީހުން ވަމީ ޝަހީދުވެފަ އެެވެ.












