އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
އޮކްޓޯބަރު ހަތެއްގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދުކޮށްލާފައިވާއިރު އެސްޓީއޯއިން ވެސް ވަނީ މި ދަނޑިވަޅަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އުދުވާނެއް ހިންގަމުންދާ ދަނޑިވަޅެއް ކަމަށް ބުނެފަ އެވެ.
ރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައެއްގެ ގޮތުގައި ތިބި ބައެއް ކަމަށާއި މިހާރު ހިންގަމުންދާ އުދުވާނާ ގުޅިގެންވެސް ދިވެހިން ފަލަސްތީނަށް އެހީވުމަށް މަސައްކަތް ފަށާފައިވާކަން އެސްޓީއޯއިން ފާހަގަކުރި އެވެ.
މި އެއް މިލިއަން ރުފިޔާ ހަދިޔާކުރުމުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް، އެމްއެސްއެސް އަދި އެފްއެސްއެމްއިން ބައިވެރިވި އެވެ.
މިއީ އެ ކުންފުނިތަކުގެ މުވައްޒަފުންނާއި އެސްޓީއޯގެ ހިއްސާދާރުންގެ ނަމުގައި "އަހަރުމެން ފަލަސްތީނާއެކު" ޓެލެތޯނަށް ހަދިޔާކުރި ފައިސާ ކަމަށް އެސްޓީއޯ ގްރޫޕުން ބުނެފައިވެ އެވެ.












