މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީ މަޝްރޫއު ހިމަނައިގެން އަންނަ އަހަރު ޖުމްލަ 346 އޮޑިޓެއް ކުރަން ރާވާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށް އިއްޔެ ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އެ އޮފީހުން ވަނީ އަންނަ އަހަރަށް އެކުލަވާލާފައިވާ ވޯކް ޕްލޭން ހުށަހަޅައިފަ އެވެ.
މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލް އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވީ ފައިނޭންސް އެންޑް ކޮމްޕްލައިންސް އޮޑިޓުގެ ގޮތުގައި 294 އޮޑިޓު، އޮޑިޓު ރިވިއުސްގެ ގޮތުގައި 39، ސްޕެޝަލް އޮޑިޓުގެ ގޮތުގައި ފަސް އޮޑިޓު، ޕާޕޯމަންސް އޮޑިޓުގެ ގޮތުގައި ހަތަރު އޮޑިޓެއް، އިންފޮމޭޝަން އޮޑިޓުގެ ގޮތުގައި ހަތަރު އޮޑިޓެއް ކުރިޔއަށް ގެންދާނެ ކަމަށެވެ.
މި އޮޑިޓުތަކުގެ ތެރޭގައި ކައުންސިލްތަކަކާއި ބޮޑެތި އިދާރާތަކާއި ސަރުކާރު ހިއްސާވާ 39 ކުންފުންޏާއި ސަރުކާރުން ހިންގާ 30 މަޝްރޫއެެއްގެ އިތުރުން ތިން ޕަބްލިކް ފަންޑެެއް އަންނަ އަހަރު އޮޑިޓްކުރާނެ އެވެ.
މި ސްޕެޝަލް އޮޑިޓްގެ ގޮތުގައި ކުރިއަށްގެންދާނެ އޮޑިޓްތަކަކީ މޯލްޑިވްސް ފްލޯޓިން ސިޓީ ޕްރޮޖެކްޓް ވެސް ހިމެނެ އެވެ. މިއީ ޑަޗް ޑޮކްލޭންޑްސް އަދި ދިވެހި ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓް ނުނިމި އެތައް އަހަރެއް ހޭދަވެފައިވާއިރު، ޕްރޮޖެކްޓުގެ ޕްލޭން އެކި ގޮތްގޮތައް ބަދަލުކޮށް ނިންމަން ދީފައިވާ މުއްދަތު އެކި ފަހަރު މަތިން އަންނަނީ އިތުރުކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި މަޝްރޫއުގެ މާބޮޑު މަސައްކަތްތަކެއް ކުރިއަށްދާ ތަނެއް ނުފެނެ އެވެ.

އަންނަ އަހަރު ކުރަން ރާވާފައިވާ ސްޕެޝަލް އޮޑިޓުގެ ތެރޭގައި ފްލޯޓިން ސިޓީ ޕްރޮޖެކްޓުގެ އިތުރުން، އެސްޓީއޯ އާއި ފިއުލް ސަޕްލައިގެ ތެލުގެ ސްޓޮކް، އެސްޑީއެފްސީ، މޯލްޑިވްސް ސްޓޭޓު ޝިޕިން ކޮމްޕެނީ، ރީޖެނަލް އެއާޕޯޓްސް ކޮމްޕެނީ އެވެ.
ޝާން ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ މުޅި ދައުލަތުގެ މާލީ ހިސާބުތައް ފަދަ ބޮޑެތި އޮޑިޓްތައް ކުރަން ކަމަށެވެ. އެގޮތުން ދައުލަތުގެ ދަރަންޏާއި ގެރެންޓީ ތަކާއި ފިސްކަލް ސްޓްރެޓެޖީ އަދި ދަރަނި ސްޓްރެޓެޖީ އާއި ބަޖެޓް ޕޮޒިޝަން ރިޕޯޓް، އަދި ހުރިހާ މިނިސްޓްރީ އަކާއި މުއައްސަސާއެއް އޮޑިޓް ކުރާނެ ކަމަށް އޭނާ ވިދަޅުވި އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

މައްޗަންގޮޅީ ގެއެއްގައި އިއްޔެ ރޯވި އަލިފާން ނިއްވުމަށް ފަޔާ އެންޑް ރެކިއު ޓީމް ހަރަކާތްތެރި ވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު











