އިސްލާމީ އެކިއެކި ގައުމުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ދޭ ރާއްޖޭގެ ޖަމިއްޔާ, އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފަލަސްތީނުގެ ގާޒާގައި ގާއިމްކޮށް ފައިވާ މުދާ ރައްކާކުރާ ތަނަކަށް އިޒްރޭލުން ހަމަލާދީ ހަލާކު ކޮށްލައިފި އެވެ.
އެ ހަމަލާގައި އެއްވެސް މީހެއްގެ ފުރާނަ އަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ނުލިބެ އެވެ.
އައިއޭސީ އިން ސޯޝަލް މީޑިއާގައި ޖެހި ލިއުމެއްގައި ބުނީ ޔަހޫދީން ދިން ހަމަލާގައި ގުދަން މުޅިން ހަލާކުވެފައިވާ ކަމަށެވެ. އިޒްރޭލުން ބޮން އެޅި އިރު އެ ތަނުގައި އެހީގެ ސާމާނު ގިނަ އަދަދަކަށް ހުއްޓެވެ. އައިއޭސީން ބުނި ގޮތުގައި އޭގެ ތެރޭގައި 2،000 ރަޖަޔާއި ވަގުތުން ކެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާތަކެތީގެ 1،000 ޕެކެޓާއި އަންނައުނުގެ 3،000 ޕެކޭޖް އެތަނުގައި ހުރި ކަމަށެވެ.
އައިއޭސީގެ މުވައްޒަފުން ބޭނުންކުރަމުން އައި ވެހިކަލެއް ވެސް އެ ހަމަލާގައި ހަލާކުކޮށްލި އެވެ.
ގާޒާގެ އާއްމުން ދިރިއުޅޭ ސަހަރައްދުތަކަށް އިޒްރޭލުން މެދުނުކެނޑި ދެމުން ގެންދާ ހަމަލާތަކުގައި މިހައިތަނަށް 3،000 އާ ގާތްކުރާ އަދަދެއްގެ މީހުން ޝަހީދުވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 11،000 ފަހަނަ އަޅައި ގޮސްފަ އެވެ.

އިޒްރޭލުގެ އުދުވާންތައް ހުއްޓުވަން ބައިނަލް އަގުވާމީ މުޖުތަމައުން މިހައިތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.












