އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާ ކުށްވެރިކޮށް، ފިޔަވަޅު އެޅުމުގެ ގޮތުން، އިޒްރޭލުން މުދާ އެތެރެކުރުން މަނާކުރުމާއި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލް ސިފައިންނާއި ހަމާސްގެ މުޖާހިދުންނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި 1،900 އަށް ވުރެ ގިނަ މުސްލިމް ވަނީ ޝަހީދުވެފަ އެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ ދަނީ ސުންނާފަތި ކުރަމުންނެވެ.
އެހެންވެ، އިޒްރޭލާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މަޖިލީހަށް ފޮނުއްވި ގަރާރުގައި ބުނެފައި ވަނީ އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލްގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އިފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށެވެ.
އިޒްރޭލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކަކުން އެ މީހުން ފައިބައި، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެން ދެން އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ވެސް ސައުދުގެ ގަރާރުގައި ބުނެފައިވެ އެވެ.

"މިފަދަ ހާލަތެއްގައި ދިވެހި ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ވެސް ޝުއޫރު ފާޅުކުރުމަކީ މުހިންމު ކަމެއް. އިޒްރޭލުގެ އަމަލުތަކާމެދު ދިވެހި ރައްޔިތުން ނުރުހޭކަން ފާޅުކުރަންޖެހޭ. ދައްކުވައިދޭންޖެހޭ. އެހެންވެ އިޒްރޭލާމެދު ދަތިކުރުމުގެ ފިިޔަވަޅު އަޅަން ގޮވާލައި ގަރާރު މި ހުށަހެޅީ،" ސައުދު ވިދާޅުވި އެވެ.
ފަލަސްތީނާއެކު ދިވެހިން ތިބިކަން ދެއްކުމުގެ ގޮތުން މުޅި ރާއްޖޭގައި އިއްޔެ ވަނީ ހިނގާލުމެއް ވެސް ބާއްވައިފަ އެވެ.












